މަހުލޫފާއި މުޒާހަރާ އިން ހައްޔަރުކުރި އެންމެން ކޯޓުން ދޫކޮށްލައިފި

ސަރުކާރާ ދެކޮޅަށް ރޭ ބޭއްވި މުޒާހަރާ އިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އެހެން އެންމެން ވެސް، ކްރިމިނަލް ކޯޓުން މިރޭ ދޫކޮށްލައިފި އެވެ. އެ މުޒާހަރާ އިން މަހުލޫފާ އެކު 12 މީހަކު ހައްޔަރުކުރި އެވެ. އެ އެންމެން ވެސް ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު ޖެހުމަށް މިރޭ 7:00 ޖެހިއިރު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. ސަރުކާރުގެ އަނިޔާވެރިކަން ނިންމަން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އިސްވެ، އަދާލަތު ޕާޓީއާ ގުޅިގެން ކުރި މުޒާހަރާ ފެށީ ރޭ 8:45 ހާއިރު އާޓިފިޝަލް ބީޗް ކައިރީ ހުންނަ، އެމްޑީޕީގެ ހަރުގެ ކުރިމަތިންނެވެ. ކުރިއަށް އޮތް ތިން ދުވަހަށް ދިގު ދެމިގެން ދާނެ ކަމަށް ބުނެ ފެށި އެ މުޒާހަރާގައި ބައިވެރިން މައިގަނޑު ގޮތެއްގައި އިށީނދެ ތިބީ މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތީގަ އެވެ. ފޮޓޯގެލަރީ: އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ފެށުން 66 ފޮޓޯ ސުލްހަވެރިކަމާ އެކު ކުރިއަށް ދިޔަ އެ މުޒާހަރާގައި ބޭނުންކުރަމުން ދިޔަ ސައުންޑް ސިސްޓަމްގެ އަޑު ކަނޑާލުމަށް ރޭގަނޑު 11:00 ޖެހުމުން ފުލުހުން އެންގި އެވެ. އެކަމަކު، މާލޭގެ ބައެއް ސަރަހައްދުތަކުގައި ހަރުކޮށްފައި ހުރި ސައުންޑާއި ލައުޑް ސްޕީކަރު ބޭނުންކޮށްގެން ދޭތެރެ ދޭތެރެ އިން ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ގެންދިޔަ އެވެ. ކޮންމެ ފަހަރަކު ވެސް ފުލުހުން އައުމުން އެކަން ހުއްޓާލައި ފަހަތަށް ޖެހުމަށް ފަހު، ފުލުހުން ދިއުމުން އަނެއްކާ ވެސް ވާހަކަދައްކަން ފަށަ އެވެ. ފޮޓޯގެލަރީ: ފުލުހުން މުޒާހަރާ ރޫޅާލުން 24 ފޮޓޯ ދަންވަރު 12:00 ޖެހުމުން ފުލުހުން މުޒާހަރާ ރޫޅާލީ، ކުރިން ބޭއްވި ބޮޑު މުޒާހަރާތަކާ ހިލާފަށް، ވަރަށް ފަސޭހަކަމާ އެކު، މާ ބޮޑު ކުރިމަތިލުމަކަށް ނުގޮހެވެ. އެހެން ނަމަވެސް، އޭގެ ފަހުން ވެސް، ގާތްގަނޑަކަށް ފަތިހު 4:00 ޖަހަންދެން މުޒާހަރާގެ ބައެއް ބައިވެރިން މަޖީދީމަގު، އަތަމާ ޕެލަސް ކައިރި އަށް އެއްވެ ތިއްބެވެ. އެމްޑީޕީ އާއި އެހެން ބައެއް އިދިކޮޅު ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ވެސް އެންމެ ފަހު ވަގުތާ ޖެހެންދެން އެ ތަނުގައި ތިއްބެވި އެވެ. މުޒާހަރާ ރޫޅުނީ ފުލުހުން މެމްބަރު މަހުލޫފް ހައްޔަރުކުުުރުމާ އެކު އެވެ. ދިޓީވީ ހުންނަ ގޯޅި ތެރެއިން އޭނާ ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ