ކޮންމެ ދިވެހި ރައްޔިތަކަށްޓަކައި ފަރުދީ ވައުދެއް މިނަމުގައި މުޅިން އައު ވައުދެއް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވެވަޑައިގެންފި އެވެ.
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ކޮންމެ ދިވެހި ރައްޔިތަކަށް ފުއްދަވައިދެއްވުމަށް ވެވަޑައިގެންފައިވާ މިވައުދާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ގުޅުމުގައި އިސްކޮށް ހަރަކާތްތެރިވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު ވިދާޅުވީ މިއީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ގަދަރުވެރި އަބުރުވެރި ދިރިއުޅެއް އުޅުމަށް މަގުތަނަވަސްކޮށް ދިނުމުގެ ގޮތުން ގާސިމް ވެވަޑައިގަންނަވާ ވައުދެއް ކަމަށެވެ.
"އެގޮތުން ދިވެހި ކޮންމެ ރައްޔިތަކަށް ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ހާއްސަ ސިޓީއެއް ފޮނުއްވުމަށް މިހާރު އަޅުގަނޑުމެން މިވަނީ ނިންމާފައި. މި ސިޓީއާއިއެކު އެ ރައްޔިތަކަށް އެންމެ މުހިއްމު ކަމެއްގެ މައުލޫމާތު ޖުމްހޫރީ ގުޅުމާއި ހިއްސާކުރުމަށް ހާއްސަ ފޯމެއް ހިމެނިފައިވާނެ. މިފޯމް ފުރުއްވާ ފޮނުއްވީމާ އެކަމާއި ގުޅިގެން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވަމުންދާނެ" ފަޔާޒު ވިދާޅުވި އެވެ.
މި ފޯމް މެދުވެރިކޮށް ރައްޔިތުން އެދޭ ކަންކަން ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި މާތްﷲ ގެ ތަނަވަސް ރަހްމަތްފުޅާއެކު ފުއްދަވައިދެއްވާ ރައްޔިތުންގެ ދިރުއުޅުން ތަނަވަސްކޮށްދެއްވާނެ ކަމަށް ފަޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ އެފަދަ ބޭނުންތައް ފުއްދައިދިނުމަށް ދައުލަތުގެ ބަޖެޓްގައި ކޮންމެ އަހަރަކު 1.5 ބިލިއަން ރުފިޔާ ހިމެނުމަށްވެސް ނިންމާފައިވާ ކަމަށެވެ.
ފަޔާޒު ވިދާޅުވީ ރައްޔިތުންގެ މުހުތާދުތައް ފުއްދަވައިދެއްވާ ރައްޔިތުންގެ ދިރިއުޅުން ތަރައްގީކުރުމުގައި ގާސިމްގެ އެހީތެރިކަމަކީ ފާހަގަކޮށްލެވޭ ފަދަ އެހީތެރިކަމެއް ކަމަށާއި، ގާސިމަކީ އެކަމުގެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅެއް ކަމަށެވެ.
މީގެ އިތުރުން ފަޔާޒު ވަނީ ނަޝީދު ބަލިކުރެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ ގާސިމް އިބްރާހިމް ކަމަށް ގާބޫލްކުރަންޖެހޭ ގިނަ ސަބަބުތަކެއް ހުރުމުން އެކަން ރައްޔިތުން ގަބޫލްކޮށް މިފަހަރުގެ އިންތިހާބުގައި ގާސިމަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.
"ރައްޔިތުންގެ ވޯޓަކީ ބޭނުންހާ ގޮތަކަށް އަޅާލެވެން އޮންނަ އެއްޗެއް ނޫން. އަދި ޖުމްހޫރީ ގުޅުމުގެ ސަޕޯޓަރުންނަކީ ވަކި މީހަކު ބުނާހާ ގޮތަކަށް އެނބުރޭނެ ބައެއް ވެސް ނޫން. އެމީހުން އެކަން ސާބިތުވެސް ކޮށްދީފި" ފަޔާޒު ވިދާޅުވި އެވެ.
ކޮންމެ މީހަކަށް ފަރުދީ ވައުދެއް ގާސިމް ވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ