ރައީސް ޔާމީނާއި އަބްދުﷲ ގާޒީގެ ބައްދަލުވުމާ ބެހޭ ގޮތުން ސަރުކާރުގެ ބަހެއް ނުބުނި

ރައީސް އަބްދުﷲ ޔާމީން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)އާ ސިއްރުން ރޭ ބައްދަލު ކުރައްވާފައިވާއިރު އެކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ކޮމެންޓެއް ނުކުރި އެެވެ. ރައީސް ޔާމީންގެ ގެކޮޅު މާ. ދޫވެހިގައި ރައީސް ޔާާމީނާއި އަބްދުﷲ ގާޒީ ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން، ސަރުކާރުގެ ތަރުޖަމާން އިބްރާހިމް މުއާޒް ވަނީ އެއްވެސް ކޮމެންޓެއް ދެއްވަން މިއަދު ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން އަބްދުﷲ ގާޒީއާ ބައްދަލުކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީނާ ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރު ވަންދެން ބައްދަލު ކުރެއްވުމަށް ފަހު އަބްދުﷲ ގާޒީ ނުކުމެވަޑައިގަތް ތަން، ރައީސްގެ ގެކޮޅުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އަބްދުﷲ ގާޒީ ދޫވެހިން ނުކުމެވަޑައިގަތް ވަގުތު، އެ ގެކޮޅު ކުރިމަތީގައި ތިބި ނޫސްވެރިންނަށް، ގުރޫޕަކުން ވަނީ ހުރަސް އަޅައި އިންޒާރު ދީފަ އެވެ. ބައެއް މީހުން ނޫސްވެރިންގެ ކެމެރާތަކުގެ ކުރިމައްޗަށް އަރައި ހުރަސް އެޅި އެވެ. ރައީސް ޔާމީނާއި އަބްދުﷲ ގާޒީ ބައްދަލުކުރެއްވިއިރު، ރައީސް ޔާާމީންގެ ދެކަނބަލުން މިދިޔަ މަހުގެ 28 ގައި އެއާޕޯޓުން މާލެ ވަޑައިގެންނެވި ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާފައިވާތީ، އެކަމުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ގެންދެ އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ސިފައިންގެ ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ރައީސްގެ "ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވި ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް ސީރިއަސް އަނިޔާތަކެއް ވެގެން އަދިވެސް ގެންދަވަނީ އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފަ އެވެ. ރައީސް ޕާސަނަލް ސެކިއުރިޓީ އޮފިސަރު (ޕީއެސްއޯ) އަބްދުއްނާސިރަށް ވެސް ސީރިއަސް އަނިޔާތަކެއް ވެ އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ