ޝާފިއުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފި
ލޯންޗުތަކެއްގެ އަގު ކުޑަކޮށްދިން ކަމަށް ބުނެ، ކަސްޓަމްސްގެ ކުރީގެ ވެރިޔާ އިބްރާހިމް ޝާފިއުގެ މައްޗަށް އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ. ޝާފިއުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ވަނީ އޭނާ ކަސްޓަމްސްގެ އިސްވެރިއެއްގެ ގޮތުގައި ހުރެ ސަލްޓަންސް އޮފް ސީސް އިން ރާއްޖެ އެތެރެކުރި ދެ ލޯންޗެއްގެ މައުލޫމާތު އޮޅުވާލުމުން އެތަން ޖޫރިމަނާކުރުމަށް އެންގުމުން ޖޫރިމަނާ ނުކޮށް އަދި އެ ދެ ލޯންޗްގެ ޑިއުޓީގެ އަގު ކުޑަކޮށްދީފައިވާ ކަމަށެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ''މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ'' ކުށުގެ ދައުވާ އެވެ. ޝާފިއުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ނެރުނު ހުކުމްގައި ބުނެފައިވަނީ ޝާފިއުގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އޭނާ އިންކާރުކޮށްފައިވާ ކަމަށެވެ. އަދި އެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ލިޔުންތަކުން އެ ކަން ސާބިތުކޮށްދެވިފައި ނުވާތީ، އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް އެ ހުކުމުގައި ބުނެފައި ވެ އެވެ. ޝާފިއު އަގު ކުޑަކޮށްދިން ކަމަށް ތުހުމަތުކުރި ދެ ލޯންޗު އެތެރެކޮށްފައިވާ ސަލްޓަންސް އަކީ ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. ޝާފިއު ކުރިން ވަނީ ޑީއާރުޕީގެ ރެޖިސްޓްރާ ކަން ކުރައްވާފަ އެވެ. އެހެން ކުންފުންޏަކުން ކްރޭނެއް އެތެރެކުރި އިރު އަގު ކުޑަކޮށްދީފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވެސް ދައުލަތުން ވަނީ ޝާފިއުގެ މައްޗަށް ދައުވާކޮށްފަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ