ވައްކަމުގެ ތުހުމަތެއްގައި ވަކިކުރި އޮފިސަރަކަށް ވަޒީފާ ދޭން ހައި ކޯޓުން ތާއީދުކޮށްފި
ވައްކަމުގެ ތުހުމަތެއްގައި ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ ކުރީގެ އޮފިސަރަކަށް، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަނބުރާ ދޭން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ. ޗީފް ސްޓޭޝަން އިންސްޕެކްޓަރެއްގެ މަގާމުގައި ހުއްޓައި މުހައްމަދު ހަބީބް ނަމަކަށް ކިޔާ އެ އޮފިސަރު ވަކިކުރީ 2008 ގައި އޭނާ ފުލުހުންގެ ގުދަނަކުން މާކަރީ ލައިޓެއް ނަގައިގެން ގެންދިޔަ މައްސަލައެއްގަ އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން ވެސް ހުކުމްކޮށްފައި ވަނީ، އޭނާ ކުރި ހުރި ފެންވަރުގެ ވަޒީފާއެއް އަނބުރާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ވެސް އަނބުރާ ދިނުމަށެވެ. ދަށު ކޯޓުގެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ހޯމަ ދުވަހު ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި ހަބީބަށް އޭނާ ކުރި ހުރި ފެންވަރުގެ ވަޒީފާއެއް ދޭންޖެހޭނެ ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައިވަނީ ހަބީބް ވަކިކުރީ 2008 ވަނަ އަހަރު ހިނގި ހާދިސާއާ ގުޅިގެން ކަމަށް ވިޔަސް އޭނާ ވަކިކުރަން ނިންމި ނިންމުމަކީ އެ ހާދިސާގެ ފަހުން އަމަލުކުރަން ފެށި ގަވާއިދެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށާއި އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށެވެ. އަދި ކުރިން ކޮށްފައިވާ ކަންކަމަށް ފަހުން ހެދޭ އުސޫލުތައް ނުހިނގާނެ ކަމަށާއި އެފަދަ އުސޫލުތައް ހިނގާނީ ގާނޫނުތަކުގައި އެގޮތަށް ލިޔެފައި އޮވެ، އިސްތިސްނާ ހާލަތްތަކުގައި އެކަނި ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކުރިޔަަސް ހައި ކޯޓުން ވަނީ ހަބީބަށް ވަޒީފާ ދޭން އެންގުމުގައި ސިވިލް ކޯޓުން ހަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ގަޒިއްޔާ އަކީ އެ މައްސަލަ ނިންމުމުގައި ރިއާޔަތް ކުރެވޭނެ ގަޒިއްޔާއެއް ނޫން ކަމަށް ނިންމައިފަ އެވެ. ދަށު ކޯޓުން ރިއާޔަތްކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ މަގާމުން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ވަޒީފާއާ ބެހޭ އާންމު މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ރިއާޔަތް ނުކުރެވޭނެ ކަމަށާއި އެގޮތަށް ހައި ކޯޓުން ކުރިން ވެސް ނިންމާފައިވާނެ ކަމަށެވެ. ފުލުހުން ކުރިން ބުނެފައިވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރާ ފުލުހުންނަށް ވަޒީފާ އަނބުރާ ދޭން ސުޕްރީމް ކޯޓުން ހުކުމް ނުކުރާހާ ހިނދަކު ވަޒީފާ އަނބުރާ ނުދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ