ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ހލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގާ ނަމަ އެކަން ވަގުތުން ހުއްޓުވަން ސަލާމަތީ ބާރުތަކުގެ މައްޗަށް ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން މިރޭ އަމުރުކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނަނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ބާރަކާއި ނުވަތަ ދައުލަތުގެ މުއައްސަސާއަކާ އެހެން ފަރާތަކާ ދެމެދު ނުވަތަ ފަރުދުންގެ މެދުގައި އުފެދޭ ދެބަސްވުންތަކާ ގުޅިގެން އިންސާފު ގާއިމުކޮށް ނިންމަންޖެހޭ ފައިސާ ކުރަނިވި އަދި ގާނޫނީ ބާރު ލިބިދޭ ނިންމުންތައް ނިންމުމުގެ އިހުތިޔާރާއި ބާރު ގާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތަކީ ހަމައެކަނި އަދު އިންސާފު ގާއިމު ކުރުމުގެ ބާރުކަން ގާނޫނު އަސާސީން 141 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮތް އިރު އަދި ގާނޫނު އަސާސީ އާއި ގާނޫނު މާނަ ކުރުމުގައި ޝަރީއަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓްގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ކަނޑައެޅިގައި ބަޔާން ވެގެންވާ ކަމަށެވެ.
އަދި ބުނެފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ހިލާފުވާ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށާއި އަދި ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށްޓަކައި އިލެކްޝަނުން އިންތިޒާމް ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް ކުރުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސް ކުރުމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ މައްޗަށް ރިޔާއަތްކޮށް އަމުރު ކުރުމާއެކު އަމުރުގައި ބުނެފައިވާ ގޮތުގެ މަތީން ތަންފީޒު ކުރުމަށާއި މި އަމުރާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް އަމަލެއް ހިންގާނަމަ އެކަން ވަގުތުން ހުއްޓުވުމަށް ގާނޫނު އަސާސީގެ 237 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް އަންގާ އަމުރު ކުރާ ކަމަށެވެ.
މިރޭ ނެރުނު އަމުރުގައި ސޮއި ކުރައްވާފައި ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު އަބްދުﷲ ސައީދާއި އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އާދަމް މުހަންމަދާއި ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. ސޮއި ނުކުރައް ވަނީ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
މީގެ އިތުރުން އަމުރުގައި ބުނެ އެވެ: "... ކޯޓްތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) ގައި 'މައްސަލައެއްގައު ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުންނާއި މުސްތަގިއްލި މަގާމުތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ މަގާމުތަކާއި ހަވާލުވެތިބި މީހުންނާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެކުލެވިގެންވާ ސަލާމާތީ ހިދުމަތްތަކުންނާއި އެންމެހައި ރައްޔިތުން އެމައްޗަށް ތަބާވުން ލާޒިމް ނިންމުމެކެވެ' މިފަދައިން ސާފު ބަހުން ބުނެފައިވާތީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ބާރު ހިނގާ ސަރަހައްދުގެ ތެރޭގައި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމަށް ނުވަތަ އަމުރަކަށް ނުވަތަ ނިންމުމަކަށްވިޔަސް ގޮންޖެހުމާއި ނުކިޔަމަންތެރިވުމަކީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގައި ހުއްދަ ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ"
އަމުރާ ހިލާފުވާނަމަ ފިޔަވަޅު އަޅަން ސަލާމާތީ ބާރުތަކަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ