އިންތިހާބު ބާއްވަން ކޮމިޝަން ތައްޔާރުވެފައެއް ނެތް: ގާސިމް

ރިޔާސީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ނުވާކަން މިރޭ ސާބިތުވެފައިވާ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ގުޅުމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށް ޕްލޭނެއް އެކުލަވާލާ އެ ޕްލޭންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުގެ ނާއިބު ރައީސް އަހުމަދު ފަޔާޒު، އެންމެ އަވަހަށް އިންތިޚާބު ބޭއްވޭނީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ކަމަށާ ދެވަނަ ބުރު ބޭއްވޭނީ ނޮވެމްބަރު ނުވައެއްގަ ކަމަށް ވިދާޅުވި ކަމަށެވެ.
ޤާސިމް ވިދާޅުވީ އެވަރަށް ތައްޔާރުވެފައިވާ ބަޔަކަށް ޖުމްހޫރީ ގުޅުމުން ހުށަހެޅި ގޮތަށް އަންނަ ހޮނިހިރު ދުވަހު އިންތިޚާބު ނުބޭއްވެންވީ ސަބަބެއެ ނެތް ކަމަށެވެ. އެހެން ނަމަވެސް ޖުމްހޫރީ ގުޅުމުން ބޭނުންވަނީ އިންސާފުވެރި އިންތިހާބެއް ބާއްވާ ނޮވެމްބަރު 11 ގައި ރައީސަކު ހުވާ ކުރުން ކަމަށް ގާސިމް ވިދާޅުވި އެވެ.
"ފުވާދު މިއަދު ވިދާޅުވި ކަމަށް ވަނީ ކިހިނެތްހޭ ބާއްވާނީ ސިސްޓަމް ހަލާކުވެފައިވޭ ދެން ވަރަށް ގިނަ ވާހަކަދެއްކި ނުބޭއްވޭނެ ސަބަބުތައް ކަމަށް ބުނެ. އެކަމަކު މި ބުނަނީ އަޅުގަނޑުމެންނާއި ފުލުހުންނާއި ހެދިއޭ އިންތިޚާބު ނުބޭއްވުނީ. މީގެ ކުރިން ސަރުކާރާއެކު ބޭއްވި ބައްދަލުވުމެއްގައިވެސް އިލެކްޝަނުންވަނީ އިންތިޚާބު ބޭއްވޭނީ 26 ވަނަ ދުވަހުއޭ،" ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، މިއަދު އިންތިޚާބު ބާއްވާނެ ކަމަށް ބުނެ ކޮމިޝަނުން ގޮތް ދެއްކީ ކަމަށެވެ. އިންތިޚާބު ނުބޭއްވުނީ ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްއިން ސޮއި ނުކޮށްގެންނާ ފުލުހުން އިންތިޚާބު ހުއްޓުވައިގެން ކަމަށް ބުނެ އިލެކްޝަނުން ދެއްކީ މަންޒަރެއް ކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ