ކޯޓަށް އެއްބާރުލުން ނުދޭތީ ނަޝީދު ފުރާވަޑައިގަތުމަށް ކޯޓުން ހުއްދައެއް ނުދިން
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާއާ ގުޅިގެން އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖޭން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަކަށް ނަޝީދު އެދިވަޑައިގަތުމުން އެ ހުއްދަ ނުދޭން ކޯޓުން އިއްޔެ ނިންމައިފި އެވެ. ނަޝީދު އެދިވަޑައިގެންފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ފުރާވަޑައިގަތުމުގެ ހުއްދައެއް ދިނުމަށެވެ. އެނގިފައިވާ ގޮތުގައި ނަޝީދު އެ ގޮތަށް އެދިވަޑައިގެންފައިވަނީ އަބޫ ދާބީގެ ޑޮކިއުމެންޓްރީ ފިލްމް ކްލަބުން އިންތިޒާމްކުރާ ކަލްޗަރަލް ސީޒަނެއް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނުމަށް ނަޝީދަށް ދައުވަތު ލިބިފައިވާތީ އެވެ. ހުޅުމާލޭ ކޯޓާ ހަވާލާދީ ޖުޑިޝަރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ އެ ގޮތަށް ނިންމާފައިވަނީ ނަޝީދުގެ ފަރާތުން ކޯޓަށް އެކަށީގެންވާ އެއްބާރުލުން ނުދޭތީ ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން ތާވަލުކުރާނެ ދުވަހެއް އަދި ނުނިންމާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ނަޝީދު ހާޒިރުކުރީ އެ މަނިކުފާނު ފަރެސްމާތޮޑާގައި ހުންނަވަނިކޮށް، ފުލުހުން މެދުވެރިކޮށެވެ. ނަމަވެސް އޭގެ ފަހުން މި މަހުގެ 13 ވަނަ ދުވަހު ނަޝީދު ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުއްވުމުން، ކޯޓަށް ހާޒިރުވެވަޑައިނުގަތުމަށްޓަކައި، އެ ދުވަހު ހެނދުނު އިންޑިއާ ހައި ކޮމިޝަނަށް ވަދެވަޑައިގެން އެ ތަނުގައި ދިރިއުޅުއްވަން ފެއްޓެވި އެވެ. އެ ތަނުގައި ނަޝީދު ހުންނަވަނިކޮށް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ދެ ފަހަރެއްގެ މަތިން އަމުރުކޮށްފައިވެ އެވެ. ނަމަވެސް ހައި ކޮމިޝަންގައި ނަޝީދު ހުންނެވުމުން ފުލުހުންނަށް އެ ތަނަށް ނުވަދެވޭތީ އެ އަމުރު ތަންފީޒުކޮށްދެވިފައެއް ނުވެ އެވެ. އެގާރަ ދުވަސް ވަންދެން ހައި ކޮމިޝަންގައި އުޅުއްވުމަށް ފަހު، ނަޝީދު އެ ތަނުން ނުކުމެވަޑައިގަތީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ