އިގުތިސޯދީ ސަރަހައްދުތަކުގެ ބޭނުމަކީ ރިސޯޓު ވާދަވެރިކަން އިތުރުކުރުމެއް ނޫން: މެމްބަރު ނަޝީދު

ސަރުކާރުން އެކުލަވާލާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް (އެސްއީޒެޑް) ގެ ދަށުން އިގުތިސޯދީ ހާއްސަ ސަރަހައްދުތައް ކަނޑައެޅުމުގެ ބޭނުމަކީ އެ ގާނޫނުގެ ދަށުން ރިސޯޓްތަކެއް ހަދައި އަދި އޭގެ ބޭރުން ހިންގާ ރިސޯޓްތަކުގެ މެދުގައި ވާދަވެރިކަން އުފެއްދުން ނޫން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި ބިލް ތައްޔާރު ކުރެއްވި މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެއްޖެ އެވެ. އެސްއީޒެޑް ބިލް ދިރާސާ ކުރުމަށްޓަކައި ކޮމިޓީ އަށް ފޮނުވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި އެ ގާނޫނުގެ ސަބަބުން ރިސޯޓްތަކަށް އުނދަގުލެއް ވުމަކީ ބޭނުންވާ ކަމެއް ނޫނެވެ. އަދި އެސްއީޒެޑްގެ ތެރެއިން ރިސޯޓްތަކެއް ހަދައި، އެސްއީޒެޑްގެ ބޭރުގައި ހުރި ރިސޯޓްތަކާ ދެމެދު ވާދަވެރިކަން އުފެއްދުމަކީ މަގުސަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރިސޯޓެއް ހެދުމަށްޓަކައި ކިތަންމެ ބޮޑު އިންވެންސްމަންޓެއް ކުރިޔަސް ޓެކްސް ދެއްކުން ފިޔަވައި އެހެން ކަމެއް އެ ރިސޯޓަކުން ދައުލަތަށް ކޮށްދޭން ނުޖެހެ އެވެ. އެކަމަކު ހާއްސަ އިގުތިސޯދީ ޒޯންތަކުގެ ބޭނުމަކީ ސްޓްރެޓީޖިކް އިންވެސްޓްމަންޓް ރާއްޖެ ގެނައުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ބަނދަރުތަކާއި އެއާޕޯޓްތަކާއި މަގުތައް ހެދުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. "އެސްއީޒެޑްގެ ފޯކަސް އަކީ ރިސޯޓެއް ނޫން. އެސްއީޒެޑްގެ ފޯކަސް އަކީ މާއްދީ، ރާއްޖޭގައި ނެތް ނުވަތަ ރާއްޖޭގައި އަޅުގަނޑުމެންގެ ބަޖެޓުން ހަރަދުކޮށްގެން އުފެއްދެން ނެތް ކަންތައްތައް ކުރުމަށްޓަކައި ބޭރު ބަޔަކު ގެނެސްގެން އެމީހުން ލައްވައި އެ މަސައްކަތްކޮށް، އެ އުފެއްދުންތައް އުފައްދައި، އެ ވަސީލަތްތައް ރާއްޖެ އަށް ތައާރަފު ކުރުން،" ނަޝީދު ވިދާޅުވި އެވެ. "އެކަން ކުރާ މީހާ އެތައް 100 މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ރާއްޖެ އަށް އައިސް އެކަން ކުރާއިރު، އޭނާ އަށް އެބަޖެހޭ އޭނާގެ ވިޔަފާރި އަކީ އޭގެ ޒާތުގައި ދެކޮޅު ޖެހޭ ވިޔަފާރިއަކަށް، އެކަން ކުރުމަށްޓަކައި ޓުއަރިޒަމް ކޮމްޕޯނަންޓެއް އެ ޕްރޮޖެކްޓް ތެރެއަށް މި ލެވެނީ 40 ޕަސެންޓަށް ވުރެ ގިނަ ނުވާ ގޮތަށް 60 ޕަސެންޓް ސްޓްރެޓީޖިކް އިންވެސްޓްމަންޓް އޮންނަ ގޮތަށް." ނަޝީދު ވިދާޅުވި ގޮތުގައި އެސްއީޒެޑް ބިލްގައި ބަޔާން ކޮށްފައިވާ އުސޫލަށް ބަލާއިރު ހާއްސަ އިގުތިސޯދީ ސަރަހައްދުގައި ރިސޯޓެއް ހިންގާ މީހަކު އެކަން އެކުރަނީ ހަމައެކަނި ރިސޯޓަށް ބިނާވެގެނެއް ނޫނެވެ. އޭގެ ބަދަލުގައި ގިނަ ވަސީލަތްތައް ހިމެނޭ ގޮތަށް ބޮޑު އިންވެސްޓްމަންޓެއް އުފައްދައިގެން، ދެކޮޅު ޖެއްސުމުގެ ވަސީލަތެއްގެ ގޮތުގައި އެ އިންވެސްޓަރަކު ޓޫރިޒަމްގެ ދާއިރާ އަށް ވަންނަނީ ކަމަށް އޭނާ ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު އެންޓި މަނީ ލޯންޑްރިންގެ ގާނޫނަކަށް އަމަލުކުރާއިރު "ދޮންނަ މެޝިނެއްގެ ގޮތުގައި" ރާއްޖެ ބޭނުން ކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ނަފީވެފައި ކަމަށެވެ. "މޮޅު މީހަކު މޮޅު ގޮތަކުން، މޮޅު ކަމަކުން ނެއްޓިގެން ކަމެއް ނުކުރާނެ އެކޭ ނޫން. އެކަމަކު އާންމު އުސޫލެއްގައި ރާއްޖެ އަކީ ދޮންނަ މެޝިނެއް ގޮތަށް ކަޅު ފައިސާ ހުދު ކުރަން ބޭނުން ކުރެވޭނެ ތަނެއް ނޫން މިހާރަކު،" ނަޝީދު ވިދާޅުވި އެވެ. އެސްއީޒެޑްގައި އިންވެސްޓްކުރާ މީހުންނަށް ޓެކްސްގެ ވަރަށް ބޮޑު އިނާޔަތެއް ލިބިދޭ ގޮތަށް ބަޔާން ކޮށްފައި އޮތުމުން އެއަށް އަންނަ ފާޑުކިޔުންތަކަށް ވެސް އޭނާ ޖަވާބު ދެއްވި އެވެ. ނަޝީދު ވިދާޅުވީ ޓެކްސްގެ ލުއި ދީފައި އޮތުމުގެ މާނަ އަކީ އެމީހުން ރާއްޖެ އައިސް "ޓެކްސް ނުދައްކައި ބޮޑު ވިޔަފާރިއެއް ކޮށްފައި ލާރިކޮޅު ހިފައިގެން ދާށެކޭ ނޫން" ކަމަށެވެ. އޭނާ ވިދާޅުވީ އެސްއީޒެޑްގައި އިންވެސްޓްކުރާ މީހުން އެންމެ ކުޑަކޮށް ވެސް 300-400 މިލިއަން ޑޮލަރު ހަރަދު ކުރާ ކަމަށެވެ. އަދި އެހެން ގައުމުތަކުގައި އެފަދަ ބޮޑު އިންވެސްޓްމަންޓްތަކެއް ކުރާއިރު ބިމާއި އިމާރާތާއި ވަސީލަތްތައް ވެސް ގާއިމް ކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. "ރާއްޖެއާ ޖެހިގެން ހުރި ގައުމުތަކުގައި ތަންތަން ހަދާފައި، ބިން ދީފައި، އިމާރާތް ހަދައި ދީފައި، ވަސީލަތްތައް ގާއިމް ކޮށްފައި ހަމައެކަނި އިންވެސްޓަރު ކައިރީގައި އެ ބުނަނީ ތިބޭފުޅާ ވަޑައިގެން އޮފީސް ހުޅުވައިގެން އަވަހަށް މަސައްކަތް ކުރައްވާށޭ. އަޅުގަނޑުމެންގެ އޮތީ ހަމައެކަނި ހުސް ކަނޑު. އަޅުގަނޑުމެން ޖެހޭނީ ބިން އުފައްދަން. ހިއްކަން. އެތަނުގައި އާމްދަނީގެ ވަސީލަތްތައް އިތުރު ކުރަން. އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރަން. އެކަންކަން ކުރަން މީހަކު އަންނަން އެމީހަކަށް ހިތްހަމަ ޖެހޭނީ އެމީހަލަށް ލުޔެއް ލިބޭ ގޮތަކަށް ކަންތައް ކޮށްދީގެން،" ނަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންވެންސްޓަރުން ގެންނަން ބޭނުންވާއިރު، ރާއްޖޭގައި ނެތް ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރާ ނަމަ އަދި އެކަން ކުރަން ޖެހެނީ އެ އިންވެސްޓަރެއްގެ ފައިސާގައި ކަމަށް ވާ ނަމަ، އެމީހާ ރުއްސުމަށްޓަކައި ކަންތައްތަކެއް ކޮށްދޭން ޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގައި ކުރާ ވިޔަފާރީގެ ތަފުސީލުތަކާއި ޓެކްސްއާ ބެހޭ މައުލޫމާތު މީރާ އިން ބަލަހައްޓަމުން އަންނައިރު، އެސްއީޒެޑްގައި އިންވެސްޓް ކުރާ މީހުން ޓެކްސް ދައްކާ ހިސާބަށް ދާއިރު އާމްދަނީގެ ހިސާބުތަކާއި އެކައުންޓިން އާއި ޑޭޓާއާ ބެހޭ ހުރިހާ ލިޔުންތަކެއް އެމީހުން ބަލަހައްޓަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މައުލޫމާތު އެއްކުރާ އިދާރާތަކުން އެސްއީޒެޑަށް ގޮސް ކަންކަން ކުރެވޭނެ ގޮތް އެބަހުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ