ޕްރައިމަރީ ނިމިގެން ދިޔައީ ވަރަށް އިންސާފުވެރިކޮށް: މައުމޫން

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ނިމިގެން ދިޔައީ ވަރަށް އިންސާފުވެރިކޮށް ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ޓުއަރިޒަމްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށްވާ އަހުމަދު ނާޒިމާއި ޕޯސްޓް ގްރެޖުއޭޓެއް ކަމަށްވާ އަދި އެމްއެމްއޭގައި މަސައްކަތް ކުރައްވާ ޒުވާނެއް ކަމަށްވާ ބައްސާމް އަދީލް ޖަލީލު އެ ޕާޓީ އަށް ސޮއި ކުރެއްވުމަށް މޫކައި ސުއީޓްސްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މައުމޫން ވިދާޅުވީ ޕްރައިމަރީގެ ވޯޓު ލުން ކުރިއަށް ދިޔައިރު ވެސް އަދި ވޯޓު ގުނިއިރު ވެސް ދެ ކެނޑިޑޭޓުންގެ މަންދޫބުން ވެސް ކޮންމެ ވޯޓު ފޮއްޓެއްގެ ކައިރީގައި ތިބި ކަމަށެވެ. އަދި އެއްވެސް ކެނޑިޑޭޓެއްގެ ފަރާތުން އެއްވެސް ޝަކުވާއެއް އައިސްފައިނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންކަމުން އެ އިންތިހާބު ކުރިއަށް ދިޔައީ ވެސް އަދި ނިމިގެންދިޔައީ ވެސް ވަރަށް މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ޕްރައިމަރީ އޮތް ދުވަހުގެ ރޭ އެ ދެ ކެނޑިޑޭޓުން ވެސް ނަތީޖާ ގަބޫލު ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. " މާޗް 30 ދުވަހުގެ ރޭ ދެ ކެނޑިޑޭޓުން ވެސް ނަތީޖާ ގަބޫލު ކުރެއްވި. އެހެން ނަމަވެސް ފަހުން ބަދަލެއް މިއައީ. ދެން އެއީ ވަރަށް ދެރަކޮށް ވީ ކަމެއް، އެހެން ނަމަވެސް އެކަމުގެ ސަބަބުން ވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މެމްބަރުންނަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރުމެއް އަޅުގަނޑު ނޭދެމޭ، އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޕާޓީ ދާނީ އިތުރަށް ވަރުގަދަވެގެން،" މައުމޫން ވިދާޅުވި އެވެ. މައުމޫން އިތުރަށް ވިދާޅުވީ އުމަރު ނަސީރު ފަދަ ބޭފުޅަކު ޕާޓީން ވަކިވެގެން ހިނގައްޖެ ނަމަ އޭނާއާ އެކު ވަކިވެގެން ދާނެ ބަޔަކު ވެސް ތިބޭނެ ކަމަށެވެ. ނަމަވެސް ވަކިވެގެން ދާ މެމްބަރުންނަށް ވުރެ ގިނަ މެމްބަރު ޕާޓީ އަށް އިތުރު ކުރެވޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި މިހާރު ޕީޕީއެމަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ އެ ޕާޓީގެ ތެރެއަށް އެހެން ޕާޓީތަކުގެ ނުފޫޒު ވަނުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލައަކަށް ވެސް ވެދާނެ ކަމަށާއި އެހެން ނަމަވެސް އެކަން ގިރާކޮށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް މައުމޫން ވިދާޅުވި އެވެ. މިރޭގެ އެ ހަފްލާގައި ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ އަދީބާއި މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ