އިންޑިއާގެ ހައިކޮމިޝަނަށް ގާސިމް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އިންޑިއަން ހައި ކޮމިޝަނަށް ގާސިމް އިބްރާހިމް މިއަދު ވަޑައިގެންނެވީ އެމަނިކުފާނު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގް ފޮނުއްވި ދައުވަތަކާއި ގުޅިގެން މިވަގުތު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން އުދަގޫފުޅުވާތީ އެކަން ބަޔާންކުރައްވައި އިންޑިއާގެ ބޮޑުވަޒީރަށް އެމަނިކުފާނު ފޮނުއްވާ ސިޓީފުޅެއް އިންޑިއަން ހައިކޮމިޝަނަށް ރައްދު ކުރެއްވުމަށެވެ.
ޖުމްހޫރީ ގުޅުމުން ބުނީ އިންޑިއާއަށް މިވަގުތު ދަތުރުފުޅެއް ކުރައްވަން ގާސިމް އިބްރާހިމަށް އުދަގޫތަކެއް ކުރިމަތިވެވަޑައިގަންނަވަނީ ރިޔާސީ އިންތިހާބުގައި ބުރަކޮށް އުޅުއްވަން ޖެހިވަޑައިގަތުމާއި، ކުރިން ތާވަލްކުރެވިފައި ހުރި ބައެއް މުހިއްމު އިވެންޓްތަކާއި އެޕޮއިންޓްމަންޓްތައް ހުރުމާއި ގުޅިގެން ކަމަށެވެ.
ގާސިމް އިބްރާހިމް އިންޑިއާގެ ބޮޑުވަޒީރަށް ފޮނުއްވާ ސިޓީ ފުޅުގައި އެކަންކަން ބަޔާންކުރައްވާފައިވާނެ ކަމަށާއި، އަދި ރިޔާސީ އިންތިހާބަށްފަހު އިންޑިއާގެ ބޮޑުވަޒީރުގެ ފައިންޕުޅު ދެކެވަޑައިގަތުމަށް އިހްތިރާމްގެ ޒިޔާރަތެއް އިންޑިއާއަށް ކުރައްވާނެ ކަމަށް ގާސިމްގެ ސިޓީގައި ވިދާޅުވެފައިވާނެ ކަމަށްވެސް ޖުމްހޫރީ ގުޅުމުން ބުނެ އެވެ.
ގާސިމް އިބްރާހިމް މިއަދު އިންޑިއާގެ ހައިކޮމިޝަނަށް ކުރެއްވި މިޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޑރ. އިބްރާހިމް ދީދީއާ، ޖުމްހޫރީ ޕާޓީގެ ޕޮލިސީ ސެކެޓްރީ މުހައްމަދު އަޖްމަލްއާ އަދި ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ