ގެއްލުން ދިނަސް އެމްޑީޕީގެ އަޑެއް ނުކެނޑޭނެ: މެމްބަރު ނިޒާރު

އިދިކޮޅު އެމްޑީޕީ އަށް ރާވައިގެން ބަޔަކު ހަމަލާ ދެނީ، އެ ޕާޓީގެ އަޑު ކަނޑުވާލަން ކަމަށް ވިޔަސް އެކަން ކާމިޔާބު ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީން ރޭ ފޭދޫގައި ބޭއްވި ޖަލްސާ އަށް ބަޔަކު ގާ އުކައި ހަމަނުޖެހުން ހިންގި މައްސަލާގައި، ނިޒާރު ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ އޮފީސް އަންދާލުމާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ އެކަމަކީ "ސިޔާސީ ރޭވުމެއްގެ ދަށުން ބަޔަކު ހިންގި ފިނޑި އަމަލެއް" ކަމަށެވެ. އެމްޑީޕީ ހިތަދޫ ދެކުނު ދާއިރާގެ އޮފީހުގައި ރޯކޮށްލާފައި. އެހެން ނަމަވެސް މިފަދަ ހަމަލާތައް އެމްޑީޕީ އަށް އަމާޒުކޮށް ދިން ނަމަވެސް އަޒުމެއް ނުގުޑާނެ ކަމަށާއި ހައްގު ބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ނިޒާރު ވިދާޅުވި އެވެ. އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ އޮފީހުގައި ރޯކޮށްލުމާ ގުޅިގެން އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. ނިޒާރު ވިދާޅުވީ އަންދާލި އޮފީހުގެ ބަދަލުގައި އާ އޮފީހެއް އިމާރާތް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޮފީސް ރޯކޮށްލުމާ ގުޅިގެން މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ވާނެ އެވެ. ދެކުނު ދާއިރާ އޮފީހާ އިންވެގެން ހުންނަ "ކައްޓި ހިތްވަރު" ފިހާރަ އަށް ވެސް އަލިފާނުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުންތައްވި އެވެ. "އަޅުގަނޑުމެން އެތަނަށް ވަރަށް ފަހުން ގެނައި އަގު ބޮޑު އިލެކްޓްރޯނިކް ސާމާނުތަކާ އެކު މުޅި އޮފީސް އަނދައިގެން ދިޔައީ. އެތަން މިހާރު އެހެރީ އަލުން ބޭނުން ކުރެވޭ ފަދަ ހާލަތެއްގައެއް ނޫން. އަލުން އިމާރާތެއް ހަދަން ޖެހޭނީ،" ނިޒާރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ އޮފީހުގައު ރޭ ބަޔަކު ރޯކޮށްލީ ފޭދޫ ޖަލްސާ ތެރޭގައި ހަމަނުޖެހުންތަކެއް ހިންގުމަށް ފަހު، ޒުވާނުންތަކެއް ޓެކްސީއެއްގައި ހިތަދު އަށް ގޮސްގެން ކަމަށެވެ. އެމްޑީޕީ ހިތަދޫ ދެކުނު ދާއިރާގެ އޮފީހުގައި ރޯކޮށްލާފައި. "މިހާތަނަށް އެނގިފައި އޮތް ގޮތުން ފޭދޫ ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި 20 މިހުންގެ ތެރޭގައި ގިނައިން ތިބީ ހިތަދު އަށް ނިސްބަތްވާ ޒުވާނުންތަކެއް. އެކަމަކު އެއީ ސީދާ ކިހާ އަދަދެއްގެ ބައެއް ކަމެއް ނޭނގޭ. އަދި އޮފީސް ރޯކޮށްލި ހާދިސާއާ ގުޅިގެން ބަޔަކު ހައްޔަރު ކުރި ކަމެއް އަދި ސާފެއް ނުވޭ. އެކަމަކު ރޭގައި ހަމަނުޖެހުންތައް ހިންގާފައި ވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައި ތިބި ޒުވާނުންތަކެއް،" ނިޒާރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަޔަކު ލައްވައި އެމްޑީޕީ އަށް ކިތަންމެ ވަރަކަށް ގެއްލުން ދިނަސް، އެމްޑީޕީން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުވުމަށް އަޑު އުފުލާނެ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އަޑެއް ނުކެނޑޭނެ. އަޅުގަނޑުމެންނަށް ކިތަންމެ ވަރަކަށް ބިރު ދައްކައިގެން އަޑު ކަނޑުވާލަން އުޅުނަސް އެކަމެއް ނުވާނެ." އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ