މައުމޫން މިނިވަންކުރަން އެމްއާރްއެމްއާއި އެކު މަހްލޫފް ކުރިއަށް ނިކުންނަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޖަލުން މިނިވަންކުރުމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ބައިވެރިވެވަޑައިގެންފި އެވެ.
ރައީސް މައުމޫން ގެއަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިނގާ މެޑިކަލް ބޯޑުން ނިންމާފައިވާ ކަމަށް ބުނާތީ ރައީސް މައުމޫންގެ އާއިލީ ބޭފުޅުންނާއި އެމްއާރްއެމްގެ ބޭފުޅުން އެކަމުގެ މައުލޫމާތު ހޯދުމަށް ކަރެކްޝަންސް އިސްވެރިންނާ ބައްދަލުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. ނަމަވެސް ކަރެކްޝަންސްގެ އިސްވެރިން ގެންދަވަނީ ބައްދަލުކުރެއްވުމަށް ދެކޮޅު ހައްދަވަމުންނެވެ.
އެމްއާރްއެމްގެ ޓީމުން މިއަދު ކަރެކްޝަންސްއަށް ދިޔައިރު މެންބަރު މަހްލޫފް މިއަދު ވަނީ ކަރެކްޝަނަށް ވަޑައިގެން ރައީސް މައުމޫންގެ މައްސަލާގައި އެތަނުގެ އިސް ބޭފުޅަކާ ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ކަރެކްޝަންސްގެ އިސްވެރިޔަކު މިއަދުވެސް މަހްލޫފާއި އަދި އެމްއާރްއެމްގެ ޓީމާ ބައްދަލުކުރަން ވަނީ ދެކޮޅު ހަދާފަ އެވެ.
ކަރެކްޝަންސް ހިންގާ އިމާރާތުގެ ކުރިމަތީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހްލޫފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ނުހައްގުން ޖަލަށްލީ ބައެއް ސިޔާސީ ބޭފުޅުން މިނިވަންކޮށްފައިވާއިރު ރައީސް މައުމޫން ހިފަހައްޓަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ރައީސް މައުމޫން މިނިވަންކުރަންދެން މަސައްކަތް ކުރައްވާނެ ކަމަށާއި ރައީސް މައުމޫން ހައްޔަރުކޮށްގެން ރައީސް ޔާމީނަށް ނުހުންނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިންމަން ރައްޔިތުން ވޯޓު ދިނީ ހުރިހާ ސިޔާސީ ބޭފުޅުން ވެސް މިނިވަންކުރަން ބޭނުންވެގެން ކަމަށާއި އެހެންކަމުން ރައީސް މައުމޫނާއި ޖަލުގައި ތިއްބެވި އެހެން ހުރިހާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ރައީސް ޔާމީނަށް ގޮވާލައްވާ ކަމަށެވެ.
ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު ޝިހާން އަށް ވަރަށް ބޮޑަށް ފާޑު ވިިދާޅުވަމުން މަހްލޫފް ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ރައީސް ޔާމީން ދެ "ޕަޕެޓުން" ކަމަށެވެ. ރައީސް މައުމޫން ކުށެއް ކުރައްވާފައި ނުވާ ކަމަށާއި ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ޑޮކްޓަރުން ދީފައިވާ އިރުޝާދާއި ލަފާ ބަލައިގަނެ ރައީސް މައުމޫން ވަގުތުން މިނިވަންކޮށް ގެއަށް ދޫކޮށްލުމަށްވެސް މަހްލޫފް ވަނީ ގޮވާލައްވާފަ އެވެ.
މައުމޫން ރިފޯމް މޫވްމަންޓްގައި އިސްކޮށް މަސައްކަތް ކުރައްވާ އައިމިނަތު ނާދިރާ ވިދާޅުވީ ރައީސް މައުމޫން ޖަލުގައި ނުހައްގުން ބަންދުކޮށްގެން ރައީސް މައުމޫނާއި ކަރެކްޝަންސްގެ އިސްވެރިންނަށް ފިލާ ނުތިބެވޭނެ ކަމަށެވެ. ކަރެކްޝަންސްގެ އިސްވެރިން މިހާރު ކުރަމުންދާ ޣައިރު ގާނޫނީ އަމަލުތަކާ ގުޅިގެން އެމީހުންނާ ގާނޫނު އަރާހަމަކުރާނެ ކަމަށްވެސް ނާދިރާ ވަނީ ވިދާޅުވެފަ އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ