އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށް ލުމުގައި އިންސާފެއް ނެތް - ނަޝީދު

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލުމުގައި އިންސާފެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހުޅުމީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އައްޑޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ އަބްދުﷲ ސައީދު އާއި އަލީ ހަމީދު ޖަލަށް ލާފައިވަނީ ނުހައްގުން ހިންގުނު ޝަރީއަތަކާއި ބޭއިންސާފުން ކުރެވުނު ތުހުމަތެއްގައި ކަމަށެވެ.
އަދި އެ ދެ ބޭފުޅުން ޖަލަށް ލާފައިވަނީ އިންސާފުން ކަމަށް ގަބޫލުނުކުރައް ކަމަށާއި އެ ދެ ބޭފުޅުން ވެސް ދޫކޮށްލުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އަދި އެއްވެސް މީހަކަށް ބޭ އިންސާފުން އަނިޔާ ލިބެން ބޭނުން ނުވާ ކަމަށްވެސް ރައިސް ނަޝީދު ވިދާޅުވިއެވެ.
އަބްދުﷲ ސައީދު އާއި އަލީ ހަމީދު މިނިވަން ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މީގެކުރިން ވައުދުވެ ވަޑައިގެންނެވިއިރު އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެންނެވެ. އެ އަމުރުގައި ވަނީ ހައްޔަރުކޮށްފައި ތިބި ސިޔާސީ ހުރިހާ ފަރާތްތަކެއް މިނިވަން ކުރަން އަމުރުކޮށްފައެވެ.
އެ ދެ ބޭފުޅުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައިވާއިރު، އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ