އިންތިހާބު ބާތިލް ކޮއްފިނަމަ ރައްޔިތުން މަޑުން ނުތިބޭނެ - ހަސަން ލަތީފު

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބާތިލް ކޮއްފިނަމަ ރައްޔިތުން މަޑުން ނުތިބޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރ ރަސްމާދޫ ޒުވާނުން އިސްނަގައިގެން ބޭއްވި ޚާއްޞަ ހަފްލާގައި ހަސަން ލަތީފް ވިދާޅުވީ އެއް ލައްކަ ތިރީސް ހަތަރު ހާހަށްވުރެ ގިނަ މީހުން ވޯޓުލީ އިންސާފް ހޯދުމަށް ކަމަށާއި ސުޕްރީމް ކޯޓުންވިއަސް އެވޯޓު ފޭރިގެންފިނަމަ ރައްޔިތުން ދެން މަޑަކުން ނުތިބޭނެ ކަމަށެވެ.
"ރައްޔިތުންގެ ފަރާތުން ވަރަށް ބައިވަރު ސުވާލުތައް އެބަ އާދޭ, ދެންވާނީ ކިހިނެއްތޯ, ވާގޮތް ވަރަށް ސާފު. ސުޕްރީމް ކޯޓަކުންނެއް ރައްޔިތުންގެ ވޯޓު ބޮލާލާ ޖަހައި މިއިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަކަށް ނިންމަވާނެ ކަމަށް ގަބޫލެއް ނުކުރަން." ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ މި އިންސާފް ޤާއިމް ކުރުމަށްލީ ވޯޓު ނާއިންސާފުން ފޭރިގަތީމާ ރައްޔިތުންނެއް ނުތިބޭނެ ކަމަށާއި ސުޕްރީމް ކޯޓުންވިއަސް އެހެންތަނަކުންވިއަސް މިވޯޓާ ކުޅެފިކަމަށް ވަންޏާ ރައްޔިތުން ހަމަ ރީއްޗަށް ގޭގައި ނުތިބޭނެ ކަމަކަށެވެ.
"އިންތިޚާބުގައި ކޮންމެ ރަށަކުންވެސް އެދެމުން ދިޔައީ ރާއްޖޭގައި އިންސާފް ޤާއިމް ކުރުމަށް ކަމަށާއި 23 ސެޕްޓެމްބަރުގައި ރައްޔިތުން ގުޅިފައިވާ ޕާޓީތަކަށް ވޯޓު ދެއްވީ ޢަދްލު އިންސާފް ޤާއިމް ކުރުމަށް ކޮންމެ ރަށަކުންމެ އަޅުގަނޑުމެންނަށް އިވުނު ޝަކުވާއަކީ އިންސާފް ޤާއިމްކޮށްދޭށޭ." ހަސަން ލަތީފް ވިދާޅުވިއެވެ.
އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލަ ވަނީ މާދާމާ މެދުރު ސުޕްރީމް ކޯޓްގައި ޝެޑިއުލްކޮށްފައެވެ. މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލް ކޮށްދިނުމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލަ ކޯޓަށް ވެއްދީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ