ރައްޔިތުން މަޖިލީހުގެ ގެއަށް ވުރެ މަތިވެރި ގެއެއް ރާއްޖެއަކު ނުހުންނާނެ – ނަޝީދު

ރައްޔިތުން މަޖިލީހުގެ ގެއަށް ވުރެ މަތިވެރި ގެއެއް މިރާއްޖެއަކު ނުހުންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ މީކާއިލް ނަސީމްގެ ކެމްޕޭން ފެށުމަށް މިރޭ ބޭއްވެވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ގެއަށް ވުރެ މަތިވެރި ގެއެއް މިރާއްޖެއަކު ނުހުންނާނެ ކަމަށާާއި އެހެން ކަމުން އެގެއަކީ ދިވެހިންގެ އުއްމީދުތައް ހާސިލް ކޮށްދޭނެ ގެއަކަށް ވެސް ވާން ޖެހޭނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ގޮތައް ނޫން ގޮތައް ނޫނީ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުގެ ގެއިން ކޮށްގެން ނުވާނެ" ނަޝީދު ވިދާޅުވިއެވެ.
ދިވެހިންގެ އުއްމީދުތައް ރާއްޖޭގެ އެކިއެކި ސިޔާސީ ފަރާތްތަކަށް ޞަރީހަ ބަހުން ބުނެދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި މިއަދު ޑިމޮކްރަޓިކް އުސޫލުތައް ދިވެހި ރައްޔިތުންނަށް ދަސްވަމުންދާ މަންޒަރު ފެންނަމުން އެބަދާކަމަށް ނަޝީދު މިރޭ ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުން ވަރަށް ސާފުކޮށް ބުނަމުން އެބަދޭ ވައްކަން އޯކޭއެއް ނޫނޭ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ދިވެހިން ކުރާ އުއްމީދަކީ ހަލާލު މަސައްކަތުން މަސައްކަތް ކޮށްގެން އާއިލާ އަށް ބޯހިޔަވަހިކަން ލިބުމުގެ އުއްމީދު ކަމަށެވެ.
މިޖީލުގެ މަސައްކަތުން ކުރިއަށް އޮތް ޖީލަށް ބޯހިޔާވަހިކަން ހޯދައި ނުދެވިއްޖެނަމަ ރާއްޖެ އަޅުގަނޑުމެންގެ އަތުން ބީވެގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިނިވަންކަމުގެ މާނަ ބިނާވެފައި އޮތީ ތާހިރު ދިރިއުޅުމެއްގެ މައްޗަށް ކަމަށެވެ.
"ދިވެހިން އެބައެދޭ މާރަނގަޅު ބަދަލުތަކެއް. މުޅިން އެހެން ދިވެހިރާއްޖެއެއް އެބަބޭނުންވޭ. މިހާސްކަމުން ސަލާމަތްވާން ދިވެހި ރައްޔިތުން ބޭނުންވޭ." ނަޝީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަލިއަޅުއްވާލައްވަމުން ނަޝީދު މިރޭ ވެސް ވިދާޅުވީ އެމްޑީޕީ އަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބެންޖެހޭ ކަމަށެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ދޭންޖެހޭކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށާއި އެއީ އެއްވެސް ވަރަކަށް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.
"ބޮޑު އަޣުލަބިއްޔަތެއް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށް ލިބެންޖެހޭކަން އަޅުގަނޑުމެން އެންމެންނަށް އެބަ ސާފުވޭ. ރާއްޖޭގެ ރައްޔިތުން ކެނޑިނޭޅި އެ ބަސްތައް އެބަ ބުނޭ. އެ ބަސްތައް އަޅުގަނޑުމެން އަޑުހަންޖެހޭނެ" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީ ނިކުމެ އޮތީ ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށާއި އެ ޕާޓީ އަކީ ހުއްޓޭނެ އަދި ބަލި ކުރެވޭނެ ޕާޓީއެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"2013 ވަނަ އަހަރު އިންތިހާބު ވަގަށް ގެންދިޔަ. އެހެން ނަމަވެސް އަޅުގަނޑުމެން އެއް ކައިރިއަށް ޖެހުނީ. ބަލި ގަބޫލު ކުރީމު. އަޅުގަނޑުމެންނަށް އެނގޭ ދެން ކުރިއަށް އޮތް ފަސް އަހަރު ގަދަ މަސައްކަތަކާ އެކީގައި އަޅުގަނޑުމެން ނިކުންނާނެކަން. އެމްޑީޕީ ނޫނީ މިދިޔަ ފަސް އަހަރު މަސައްކަތްކޮށް، ސަލާމަތް ކުރެވުނު އެއްވެސް މުއައްސަސާއެއް ނެތް. ބަނޑޭރި ގެއަށް ވިޔަސް، ޝަރީއަތުގެ ނިޒާމަށް ވިޔަސް، ރައްޔިތުންގެ މަޖިލީހަށް ވިޔަސް، މި ޕާޓީގެ މުއައްސަސާ ނޫނީއްޔާ ހަގީގަތުގައި ރާއްޖޭގައި މިދިޔަ ފަސް އަހަރު ފެން ހިފެހެއްޓުނު އެއްވެސް ތަނެއް ނެތް" ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޒުވާނުންނާއި އަންހެނުންނާއި އަދި ދޮށީ އުމުރުގެ މީހުން ވެސް ތިބެންޖެހޭ ކަމަށާއި މަޖިލީހުގައި މުޅި ރާއްޖެ ފެންނަން އަދި މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވެސް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ