ޕީޕީއެމް ކައުންސިލް މެމްބަރު ޒާހިދު ހަނގާކުރާ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅައިފި

ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެމްބަރު ޒާހިދު ރަމީޒް، ސޯޝަލް މީޑިޔާ ޓްވިޓަރގައި ހަނގާ ކޮށް، މީހުންގެ އަބުރަށް އަރައިގަންނަ ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
މިރޭ މި މައްސަލަ ހުށަހަޅާފައިވަނީ ޝަޖާން މުއާޒް ޝަހީމް ނަމަކަށް ކިޔާ ދިވެހި ޒުވާނެކެވެ. "ވަގުތަށް" މަޢުލޫމާތު ދެމުން ޝަޖާންގެ ގާތް ފަރާތަކުން ބުނީ، އޭނާ މިރޭ ފުލުހުންނަށް ހުށަހެޅީ، ޒާހިދު ރަމީޒް އޭނާގެ އަބުރަށް އަރައިގަނެ، ފުރައްސާރަކޮށް، ސައިބަރ ބުލީކޮށް ޓްވީޓު ކުރި މައްސަލައެއް ކަމަށެވެ.
ޝަޖާންއާ ހަވާލާދީ "ވަގުތަށް" މައުލޫމަތު ދިން ފަރާތުން ބުނީ ޒާހިދު ވަނީ، މީހުންގެ ހަށިގަނޑު ހުންނަ ސިފައާއި އެމީހުންގެ އުނި ސިފަތަކަށް މަލާމާތްކޮށް، ޓްވީޓު ކޮށްފައި ކަމަށެވެ. އަދި ބައެއް މީހުންގެ އާއިލާއާ ބެހި، އާއިލާއަށް މަލާމާތް ރައްދުވާ ފަދަ ގޮތަކަށް ވާހަކަ ދައްކައި، އެތައް ބަޔަކާއި މެދު ދޮގު ވާހަކަތައް ޓްވިޓަރގައި ފަތުރާފައިވާ ކަމަށެވެ.
މީގެ އިތުރުން، ޝަޖާން ފުލުހުންނަށް މައްސަލަ ހުށަހެޅީ، އިއްޔެގެ ވަގުތެއްގައި ޒާހިދު ވަނީ އޭނާއަށް ވެސް ހަނގާކޮށް މަލާމާތް ކޮށްފައިވާތީ ކަމާއި، ޒާހިދު ޝަޖާންއަށް ހަނގާކުރުން "އަމާޒު"ކުރީ، އޭނާ ހަނގާކުރަމުން ދިޔަ މީހެއްގެ ދިފާޢުގައި ޝަޖާން ތެދުވުމުން ކަން "ވަަގުތަށް" އެނގިފައިވެއެވެ.
އަދި ޒާހިދު، ބައެއް މީހުން އަމިއްލައަށް މަރުވުމަށް ހިތްވަރު ލިބޭ ފަދަ ގޮތަށްވެސް ޓްވިޓަރގައި ވާހަކަ ދައްކަމުންދާ ކަމަށް ޝަޖާން ފުލުހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ. އަދި ޒާހިދު ޓްވިޓަރގައި ޓްވީޓުކުރަނީ އަޚްލާޤީ ގޮތުން ވަރަށް ދަށް ފެންވަރުގެ ބަހުރުވައިން ކަމަށްވެސް ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި، ފުލުހުން ވަނީ މި މައްސަލަ ބަލައިގަނެ، މައްސަލަ ތަހްޤީޤު ކުރަން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ