ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ތަހުނިޔާގެ ފޮނުއްވައިފި އެވެ. ރައީސް، ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކަށް ކުރީގެ ރައީސް މައުމޫން ފޮނުއްވެވި ސިޓީ ފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަތިވެރި މަޤާމާ ޙަވާލުވެ ވަޑައިގަތުމުން ނުހަނު އިޚްލާޞްތެރިކަމާއެކު އެމަނިކުފާނަށް ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރައްވާ ކަމުގައި މައުމޫން ވިދާޅުވެފައިވެއެވެ.
މިވަގުތު އަމިއްލަފުޅު ދަތުރުފުޅެއްގައި މެލޭޝިޔާގައި ވަޑައިގެން ހުންނެވި ކުރީގެ ރައީސްގެ ސިޓީފުޅުގައި، ޑރ.މުޙަންމަދު ވަޙީދު ޙަސަން މަނިކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލްވެ ވަޑައިގަތީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން ދިޔަ ވަރަށް އާދަޔާ ޚިލާފު ވަގުތެއްގައި ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކުފަދަ ޢިލްމީ އަދި ތަޖުރިބާ ހުރި ޤާބިލް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލްވެވަޑައިގަތުން މައުމޫން ދެކެވަޑައިގަންނަވަނީ ވަރަށް ހެޔޮފާލެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"ނުހަނު އުންމީދާއެކު ދިވެހިރައްޔިތުން ޔަޤީން ކުރަނީ، މާތް ﷲ ގެ ވާގިފުޅާއެކު، މަނިކުފާނުގެ ޢިލްމާއި ތަޖުރިބާއާއި ދުރުވިސްނުންފުޅުގެ އެހީގައި ރާއްޖޭގައި އިސްލާމީ ޢަޤީދާ ވަރުގަދަ ކުރައްވައި، ޑިމޮކްރަސީގެ ރުކުންތައް އިތުރަށް ހަރުދަނާ ކޮށްދެއްވާނެ ކަމަށެވެ. ޤާނޫނުގެ ޙުކުމް ނަގަހައްޓަވައި، ރައްޔިތުންގެ މެދުގައި ޤައުމީ އެއްބައިވަންތަ ކަމުގެ ރޫޙު އާލާކޮށްދެއްވާނެކަމަށެވެ. ރާއްޖޭގައި ޞުލްޙަވެރި އަމާން މާޙައުލެއް ޤާއިމް ކޮށްދެއްވައި، ދިވެހިޤައުމަށް އިތުރު ކުރިއެރުމާއި ތަރައްޤީ ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ" ރައީސް މައުމޫންގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ރައީސް ޑރ. ވަހީދަށް މައުމޫން ތަހުނިޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ