ނަޝީދުގެ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނެ، އެކަމަކު ދެވަނަ ގޮތެއް އޮތްތޯ ބަލާނަން – އުމަރު

ރައީސް ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށާއި އެއޮޕަރޭޝަނަކީ ރާއްޖެއިން ވެސް ކުރެވޭނެ އޮޕަރޭޝަނެއް ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އުމަރު މިރޭ ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރު ލަފާދެއްވާފައި ވަނީ ރައީސް ނަޝީދު އެލް4-5 މައިކްރޯޑިސެކްޓްރީ އެއް ކުރަން ކަމަށާއި އެއީ ރާއްޖެއިން ކުރެވޭނެ އޮޕަރޭޝަނެއް ކަމަށެވެ. އެއޮޕަރޭޝަން ރާއްޖެއިން ކުރެވުނު ނަމަވެސް އެކަމުގައި ދެވަނަ ގޮތެއް އޮތްތޯ ކަރެކްޝަނަލް ސާވިސަސް އިން ބައްލަވާނެ ކަމަށް މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލް މޫސާ ރަމީޒު ވެސް މިއަދު ވިދާޅުވެފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭނެ ކަމަށާއި ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާ ދީފައިނުކަމަށެވެ.
"ޑޮކްޓަރުން ދެއްވާފައި އޮތް ލިޔުމުގައި އޮތީ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމާއި، އެ އޮޕަރޭޝަނަކީ މާލޭގައި ކުރެވޭނެ އޮޕަރޭޝަނެއް ކަމަށް. ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ނެތް ލިޔުއްވާފައި." މޫސާ ރަމީޒު ވިދާޅުވިއެވެ.
މޫސާ ރަމީޒު ވިދާޅުވީ ބަންދުގައި ހުންނަ މީހަކު ރާއްޖެއިން ބޭރަށް ދާން ޖެހޭ ކަމުގައިވާނަމަ، ރާއްޖެއިން ބޭރަށް ފޮނުވެނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށެވެ. އަދި ޑޮކްޓަރުން ލަފާ ދިނުމާއިއެކު މެޑިކަލް ބޯޑަށް އެކަން ހުށަހެޅި، ބޯޑުން ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދުގެ މައިބަދައަށް ލިބިފައިވާ ގެއްލުމަކަށް ފަރުވާ ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވާއިރު، ނަޝީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައަކަށް ވަކީލުން ވަނީ އެދިވަޑައިގެންފައެވެ. ވަކީލުން ވިދާޅުވާ ގޮތުގައި އެއޮޕަރޭޝަނަކީ ރާއްޖެއިން ކުރެވޭނެ އޮޕަރޭޝަނެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ