ތައުލީމީ ދާއިރާގެ އާ ޓެކްނޮލޮޖީތަކަކާ އެކު ޣިޔާސުއްދީނަށް ތާރީހީ ދުވަހެއް

ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް ހެދި ތްރީޑީކޮށް ފިލާވަޅުތައް ނަގައިދޭ ކްލާސް ރޫމާ އެކު ޣިޔާސުއްދީން ސްކޫލް ތާރީހުގެ ތެރެއަށް މިއަދު ވަދެއްޖެ އެވެ.
ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފިލާވަޅުތައް ނަގައިދީ އަދި އެހެން ކަންކަން ދަސްކުރުމުގެ އާ ނިޒާމް ފަށަން އެ ސްކޫލުގައި މިއަދ ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވައިފަ އެވެ. އަދި މިއަދު ތައާރަފުކުރި ކޮންމެ ކަމަކާ މައުލޫމާތު ހިމެނޭ ވީޑިއޯއެއް ވެސް ދެއްކި އެވެ.
ޣިޔާސުއްދީން ސްކޫލުގައި މިއަދު އްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ޕްރިންސިޕަލް (ވ) ތޯހާ އަދި ތައުލީމީ ދާއިރާގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ހުސެއިން ޝަޔާހު\ މިހާރު
ޣިޔާސުއްދީންގެ ސައިންސް ޑިޕާޓްމަންޓުގެ ހެޑް އާރުބީ ޕްރަޝާބް ވިދާޅުވީ ތްރީޑީކޮށް ކިޔަވައިދޭން ފެށުމުން، ދަރިވަރުންނަށް ފަސޭހައިން ފިލާވަޅުތައް ނަގައިގަނެވޭނެ ކަމަށެވެ.
"އެކި ވައްތަރަށް ހުށަހެޅުމުން ފަސޭހައިން ނަގައިގަނެވޭ އެކި ދަރިވަރުންނަށް. އޭގެ ތޭގައި ހިމެނޭ ވިޒުއަލް ލާނާސް އަށް ވަރަށް ފަސޭހަވެގެންދާނެ ތްރީޑީކޮށް ކިޔަވަން،" ޕްރަޝާބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ އެ ސްކޫލްގެ ސައިންސް ޑިޕާޓްމަންޓަށް ވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ތްރީޑީ ކްލާސްރޫމާ އެކު ދަރިވަރުންގެ ޝައުގުވެރިކަން ބޮޑުވާނެ ކަމަށް އުއްމީދުކުރައްވާާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތްރީޑީ ކްލާސްރޫމްގައި ކިޔަވައިދޭނީ ގްރޭޑް 5-10ގެ ދަރިވަރުންނަށެވެ.
ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން އެ ކުދިންގެ އަމިއްލަ ލެޕްޓޮޕް ބޭނުންކޮށްގެން ކިޔަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު\ މިހާރު
ބީވައިއޯޑީގެ ފަސޭހަ
ތްރީޑީ ކްލާސްރޫމްގެ އިތުރުން ބްރިންގް ޔުއާ އޯން ޑިވައިސް (ބީވައިއޯޑީ) ބޭނުންކޮށްގެން ކިޔެވުމުގެ އިންތިޒާމް ވެސް އެ ސްކޫލްގައި މިއަދު ވަނީ ތައާރަފުކޮށްފި އެވެ. ބީވައިއޯޑީން ކިޔަވައިދޭނީ ގްރޭޑް 4-10ގެ ދަރިވަރުންނަށެވެ.
އަމިއްލަ ލެޕްޓޮޕް ނުވަތަ ޓެބްލޮޓް ފަދަ ތަކެތި ހިފައިގެން ސްކޫލަށް ގޮސް ދަރިވަރުން ބޭނުންކުރާނީ މައިކްރޮސޮފްޓްގެ އެޕްލިކޭޝަނެއް ކަމަށްވާ ވަންނޯޓް އެވެ. ކްލާހުގައި ވާހަކަދައްކަން ޖެހިލުންވާ ކުދިންނަށް ވަންނޯޓްގައި ސުވާލު ލިޔުމުން ޓީޗަރުން ޖަވާބު ދޭނެ އެވެ. ސްކޫލަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގޭގައި ތިބެގެން ވެސް ވަންނޯޓް މެދުވެރިކޮށް ކިޔެވޭނެ ކަމަށް އެ ސްކޫލުގެ ބީވައިއޯޑީ އިންޗާޖު ރެޖިނަލްޑް ވިލްސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓީޗަރުން ނަގައިދޭ ފިލާވަޅުތައް ވަންނޯޓުގެ ސަބަބުން ފަސޭހަކަމާ އެކު ރައްކާތެރިކުރެވޭނެ އެވެ. އެއާ އެކު ފޮތް ބޭނުންކުރުން މަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހުރިހާ މާއްދާއެއް ކިޔަވައިދޭން ބީވައިއޯޑީ ބޭނުމެއް ނުކުރެ އެވެ.
ރާސްބެރީޕައި: މި ޑިވައިސް ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ދަސްވާނެ -- ފޮޓޯ: ހުސެއިން ޝަޔާހު\މިހާރު
ރާސްބެރީޕައި
ކޮމްޕިއުޓާ ޕްރޮގްރާމިން ދަސްކޮށްދޭ ޑިވައިސްއެއް ކަމަށްވާ ރާސްބެރީޕައި ބޭނުންކުރާނީ ގްރޭޑް 1-3ގެ ދަރިވަރުންނެވެ.
"ބޭނުންވަނީ އެންމެ ކުޑައިރުން ފެށިގެން ކޮމްޕިއުޓަ ޕްރޮގްރާމިން އަށް ހޭލުންތެރިކުރުވަން. ޕްރޮގްރާމިން ލިޔަން ދަސްކޮށްދޭން ބޭނުންވަނީ. އެކަމަށް އެންމެ މުހިއްމީ އެ ގްރޭޑްތަކަށް ވުމުން އެ ގްރޭޑްތަކަށް މި ތައާރަފްކުރީ،" ޣިޔާސުއްދީން ސްކޫލްގެ ކޮމްޕިއުޓާ ޑިޕާޓްމަންޓުގެ ހެޑް ފާތިމަތު ސީތާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުސްތަގުބަލުގައި ހުރިހާ ކަމެއް ވެސް ބިނާވެފައި އޮންނާނީ ޓެކްނޮލޮޖީއަށް ކަމަށާއި މިއަދު ތައާރަފްކުރި ރާސްބެރީޕައީގެ ސަބަބުން ވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
"އެ ކުދިން އަމިއްލައަށް ބޭނުންވާ ޓޯއީއެއް ހަދާފައި އެ އޮޓޮމެޓިކް ކޮށްލަން ބޭނުންވަންޏާ އެ އެއްޗިއްސަށް ބޭނުންވާ ޕްރޮގްރާމިން އަމިއްލައަށް ލިޔެވޭނެ،" ސީތާ ވިދާޅުވި އެވެ.
ޣިޔާސުއްދީންގެ ސީނިއަ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމީމާ އަބްދުލް ގަފޫރު ވިދާޅުވީ މިއަދު ތައާރަފުކުރި ތިން ނިޒާމުގެ ސަބަބުން ސްކޫލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި އޭގެ ބޭނުމަކީ ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްކޮށްދިނުން ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ