ރާއްޖޭގެ އަތޮޅުތަކަށް ފެރީގެ ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ފަރާތެއް ކަމަށްވާ ރިލެކްސް ފެރީ ސާވިސްއިން، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ކުންފުންޏަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދީފައިވާނެކަމަށް އެކުންފުނިން ބުނެފިއެވެ.
ރިލެކްސް ފެރީ ސާވިސް އިން މިހެން ބުނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ފަޒުލް ދިރިއުޅޭ ގެ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބަލައި ފާސްކޮށް 1.4 މިލިއަން ރުފިޔާ ހުރި ފައިސާ ދަބަހެއް ފެނިފައިވާ ކަމަށް ބުނާ ވާހަކަތަކެއް ރާއްޖޭގެ ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ރިލެކްސް އިން ކުރި ޕޯސްޓެއްގައި ބުނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާއެކު މުއާމަލާތުކުރެވި ލޯންޗެއް ބަނދެފައިވާނެ ކަމަށެވެ. އަދި އެ ކުންފުނިން ބަން ލޯންޗުގެ ފެންވަރު ރަނގަޅުވެ ދެވަނަ ފަހަރަށް ލޯންޗެއް ބަނުމަށް މަޝްވަރާ ކޮށްފައި ވާކަމަށެވެ. އެގޮތުން 2024 ވަނަ އަހަރު ކުރީ ކޮޅު ކުރެވުނު މަޝްވަރާއަށް ފަހު އެ އަހަރު ޑިސެމްބަރުމަހު ފަޒުލް އަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ ކަމަށް ރިލެކްސް އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދޫކުރި މައްސަލައެއް ފެންމަތިވުމާއެކު ފުލުހުންނާއި އޭސީސީއިން ދަނީ މި މައްސަލައިގެ ޖިނާއީ އަވަސް ތަހުގީގެއް ކުރަމުންނެވެ.
ފަޒުލްގެ ކުންފުންޏަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދީފައިވާނެކަމަށް ރިލެކްސް ފެރީ ސާވިސްއިން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ