އެމްޑީޕީ ވެރިކަމުގައި 36 ރަށާއި، 2 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިން: މެމްބަރު ޒަރީރު

ނިމިދިޔަ ސަރުކާރުން 36 ރަށާއި، 2 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ޒަރީރު ވިދާޅުވީ، ދައުލަތުން ބަދަލު ދިނުމަކީ ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން އޮންނަންޖެހޭ ކަމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް ބަދަލު ދިނުމަކީ އެކަން އޮންނަންޖެހޭ ގޮތެއް ނޫންކަމަށެވެ.
ހަމަ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާއިރަށް، ކޮށްފައި ހުންނަ މަސައްކަތް ހުއްޓާލާފައި އެގްރީމަންޓު ބާތިލުކޮށްލާފައި ބަދަލު ދިނުމަކީ އަދި އޮންނަ އުސޫލެއް ނޫން
މެމްބަރު ޒަރީރް ވިދާޅުވީ، ބަދަލުދޭން ޖެހޭނީ އެގްރީމަންޓާ އެއްގޮތަށް ސަރުކާރުން އަމަލުނުކޮށް، ނުވަތަ ސަރުކާރުގެ އިހުމާލެއް އޮވެގެން ކަމަށެވެ. މިއީ ދައުލަތުގެ ފައިސާ ކަމަށާއި، އެހެންކަމުން ޤާނޫނީ މަރުޙަލާތައް މިކަންކަމުގައި ފުރިހަމަ ކުރަންޖެހޭނެކަމަށް މެމްބަރު ޒަރީރް ވިދާޅުވިއެވެ.
އޭގެ އިތުރުން، ޤާނޫނީ މަރުޙަލާ ފުރިހަމަ ނުކުރާނަމަ، އެކަންކަމާ ގުޅިގެން މުވައްޒަފުންނަށްވެސް ފިޔަވަޅު އަޅަންޖެހޭނެކަމަށް ޒަރީރް ވިދާޅުވިއެވެ.
ނިމިދިޔަ ސަރުކާރުން 36 ރަށާއި، 2 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، މިއީ ހަމައެކަނި ރައީސް އޮފީހުގެ ކޮމިޓީއަކުން ކޮށްލެވިދާނެ ކަންކަމެއް ނޫން ކަމަށެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، އެގްރީމަންޓު ބާތިލު ކުރަންޖެހޭނީ ޤައުމަށް ފައިދާވާ ގޮތް ބަލާފައި ކަމަށާއި، ނަމަވެސް ފެންނަން ހުރީ ގާތްތިމާގެ މީހުންނަށް ފައިދާ ހޯދައިދިނުމަށް ބަދަލު ދީފައިވާ މަންޒަރު ކަމަށެވެ. އެހެންކަމުން މި ޤައުމުން މި ”ޕްރެކްޓިސް“ ނައްތާލަން ޖެހޭކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އެހެން ވިދާޅުވެފައިވާއިރު، ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާއި ގުޅޭ މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމްް މުޙައްމަދު ސާލިހުގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަލީ ޝިޔާމްގެ މައްސަލަ ތަހުގީގުކޮށްދޭން އެދި ހުށަހެޅުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެެ.
ސަރުކާރު ނިމުނު ފަހުން ފެންމަތިވި މައްސަލަތަކުގެ ތެރޭގައި 2023 ވަނަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓުން އެކި ފަރާތްތަކަށް ދިނުމަށް ކަނޑައެޅިފައިވާ މިންވަރަށް ވުރެ 263 އިންސައްތަ އިތުރަށް އެ އަހަރުގެ ފުރަތަމަ ނުވަ މަހުގެ ތެރޭގައި ހަރަދުކުރުން ހިމެނެ އެވެ.
ގެއްލުމުގެ ބަދަލުގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ރައީސް ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓަލްމަންޓް ކޮމިޓީ މިހާރު ވަނީ އުވާލާފަ އެވެ. އެ ނިންމުމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ކޮމިޓީއިން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދީފައި ވަނީ ގާނޫނީ ބާރެއް ލިބިގެން ނޫންކަމަށާއި އެ މަރުހަލާތައް ކުރިޔަށް ގެންގޮސްފައި ވަނީ އުސޫލުތަކާއި ހިލާފަށްކަން ފާހަގަކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ