150 ބައިވެރިންނާއެކު ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން ފަށައިފި

ރިވައިވަލް ސްޕޯޓްސް އެންޑް ރިވައިވަލް ސްޕޯޓްސް އޭދަފުށިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 3 ވަނަ ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ފަށައިފިއެވެ.
މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ ރައީސް މުހަންމަދު އިކްރާމް ވިދާޅުވީ މިމުބާރާތުން މިއަހަރު 150 ކުޅުންތެރިން ފެންނާނެކަމަށާ ޖުމްލަ 191 މެޗު ކުޅުމަށް ތާވަލުކޮށްފައިވާކަމަށެވެ.
މިމަހުގެ 22 އިން 25 ގެ ނިޔަލަށް ރިވައިވަލް ސްޕޯޓްސް އޭދަފުށީ ކޯޓުގައި ކުރިއަށްގެންދާ މިމުބާރާތުގައި 22 އިވެންޓެއްގައި ކުޅުންތެރިން ވާދަކުރާނެއެވެ. މުބާރާތުގައި ކުޅުންތެރިން ވާދަކުރާ އުމުރުފުރާތަކަށްބަލާއިރު، 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 15 އަހަރުންދަށް، 17 އަހަރުންދަށް، އަދި 19 އަހަރުންދަށުގެ އުމުރުފުރާގެ ސިންގަލްސް އަދި ޑަބްލްސް އިވެންޓްތަކުގެ ފޯރި ގަދަ މެޗުތަކެއް ފެނިގެންދާނެކަމަށް އިކްރާމްވަނީ މައުލޫމާތުދެއްވާފައެވެ.
"މުބާރާތް ކުރިއަށްދާނީ މިމަހުގެ 22 އިން ފެށިގެން 25 އަށް، ހަތަރު ދުވަހުގެ މުއްދަތަކަށް މިދަނީ. ދާއިރުގަ ހަމަ ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން އިރުއޮއްސި 6 އާ ހަމައަށް މެޗުތައް ޝެޑިއުލްކޮށްފަވަނީ" އިކްރާމް ވިދާޅުވިއެވެ.
ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން މުބާރާތުގެ ކުޅުން ހެނދުނު 8:00ގައި ފެށޭއިރު އިރުއޮއްސުމާ ހަމައަށް މުބާރާތުގެ ކުޅުން ކުރިއަށްގެންދިއުމަށްވަނީ ރާވާފައެވެ. މިމުބާރާތުގައި ރިވައިވަލް ސްޕޯޓްސް އޭދަފުށީ އެކެޑެމީގެ 21 ކުއްޖަކު ވާދަކުރާއިރު، އޭގެ ތެރެއިން ބައެއް ކުދިންވަނީ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކާލަފައެވެ. އެކުދިންނާ ވާހަކަދައްކާލުމުން މީގެ ތެރެއިން ކޮންމެ ކުއްޖަކުވެސް މުބާރާތާ ކުރިމަތިލާފަވަނީ ފޮނި އުންމީދެއްގައި ރަނގަޅު ވަނައަކަށް އަމާޒު ހިފައިގެންކަން ފާހަގަވިއެވެ.
ބެޑްމިންޓަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރިވައިވަލް ސްޕޯޓްސްގެ ފަރާތުން އޭދަފުށީގައި ރަސްމީގޮތެއްގައި މި ކުޅިވަރަށް އެކެޑެމީއެއް އުފައްދާ ކުޅުންތެރިން އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުއެވެ. އެކެޑެމީގެ ޓްރޭނިންތައް ދާގޮތް އޮޅުންފިލުއްވައިދެއްވަމުން އިކްރާމް ވިދާޅުވީ ޓްރޭނިން ބައްޓަންކޮށްފައިވަނީ ކުދިންގެ ހުނަރުވެރިކަމަށް ބެލުމަށްފަހު ވަކިވަކި ގްރޫޕްތަކެއްގެ މައްޗަށްކަމަށެވެ.
"އެކެޑެމީގެ ފަރާތުން ހަމަ ރެގިއުލާ ޓްރޭނިން އަޅުގަނޑުމެން މިގެންދަނީ. ގާތްގަނޑަކަށް 150 ކުދިން އެބައުޅޭ. ދެ ކޯޓުގައި އަޅުގަނޑުމެން ކުޅެން މިޖެހެނީ. އެހެންވީމަ އެކި ޓެލެންޓްތައް ޑިވައިޑްކޮށްލާފަ، އެކިއެކި ގްރޫޕްތަކަށް ކުދިން ލާފަ ޓެލެންޓް ވައިޒްކޮށް ޓްރޭނިންތައް ކުރިއަށް މިގެންދަނީ ދެ ކޯޓުގަ" އިކްރާމް މައުލޫމާތުދެއްވިއެވެ.
ރިވައިވަލް ސްޕޯޓްސް އޭދަފުށީގައި ތަމްރީނުވަމުންދާ ކުޅުންތެރިން އިތުރަށް ތަރައްގީކުރުމަށް މެލޭޝިޔާއަށްވެސް ފޮނުވަމުން އަންނަކަން ފާހަގަކުރައްވާ އިކްރާމް ވިދާޅުވީ ކުދިންގެ ހުނަރުތައް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މެލޭޝިޔާގައި ހުންނަ އޭޝިޔާ ބެޑްމިންޓަން އެކެޑެމީއާ އެއްކޮށް ގަވާއިދުން އެއެކެޑެމީގެ ކުދިން ތަމްރީނުވަމުން އަންނަކަމަށެވެ. މިފަދަ ޓްރޭނިންތަކަށް އަހަރަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ކުދިން ފޮނުވާކަމަށާ، ޓްރޭނިންއަށް ކުދިން ހޮވުމުގައި ކުދިންގެ ހުނަރުވެރިކަމަށް ބަލާކަމަށް އޭނާ ހާމަކުރެއްވިއެވެ.
ދެން އިތުރަށް ތަމްރީނު ހޯދަން މެލޭޝިޔާގައިވެސް އަޅުގަނޑުމެން ތަމްރީނު ހަދަން. ކޮންމެ އަހަރަކުވެސް އެއް ޕްރޮގްރާމް ނުވަތަ ދެ ޕްރޮގްރާމުގައި ހޮވާލެވޭ ސެލެކްޓެޑް ކުދިންތަކެއް، މެލޭގައި އޭޝިޔާ ބެޑްމިންޓަން އެކެޑެމީއާ އެއްކޮށް ގަވާއިދުން އަޅުގަނޑުމެން ތަމްރީނުތައް ކުދިންގެ ކުރިއެރުމަށް ހަދުވަމުން އެބަ ގެންދަން" އިކްރާމް ވިދާޅުވިއެވެ.
ރިވައިވަލް ސްޕޯޓްސް އޭދަފުށި ޖޫނިއާ އޯޕަން މުބާރާތުގެ މަގްސަދަކީ މި ކުޅިވަރުން ޒުވާން ކުޅުންތެރިންތަކެއް އުފައްދާ، ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންތަކެއް ތަރައްގީކުރުމެވެ. އަދި އެކުޅުންތެރިންނަކީ މުސްތަގުބަލުގައި ބެޑްމިންޓަނުން ގައުމަށް ރީތި ނަން ހޯދާދޭނެ ފަދަ ކުޅުންތެރިންތަކަކަށް ހެދުމަށް ރިވައިވަލް ސްޕޯޓްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ