ނަފުސާނީ ބައްޔަށް ނަމާދުން ލިބޭ ރޫޙާނީ ފައިދާ

ނަމާދުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އޭގެތެރޭގައި ފަރުދީގޮތުން ވަކިވަކި މީހުންނަށް ލިބޭ ފައިދާއާއި ޢާއިލާތަކަށް ލިބޭ ފައިދާއާއި އެކުލެވިފައި އޮންނަ މުޖުތަމަޢަށް ލިބޭ އިޖްތިމާޢީ ފައިދާއާއި ނަފުސާނީ ބައްޔަށް ލިބޭ ރޫޙާނީ ފައިދާތައް ހިމެނެއެވެ. ރޫޙާނީ ގޮތުން އިންސާނާއަށް، ނަމާދުގެ ސަބަބުން ކުރާ އަސަރާއި އެ ކަމުން ލިބޭ ފައިދާތައް މީހަކަށް އެނގުމަކީ ނަމާދުކުރުމުގެ ޝައުޤު އެ މީހެއްގެ ކިބައިގައި އިތުރުވާނޭ ކަމެކެވެ. ނަމާދަކީ ދުނިޔޭގެ ވަރަށް ގިނަ ހިތާމަތަކުން މީހާ ސަލާމަތްކޮށްދޭނޭ އެއްޗެކެވެ. ހަޔާތަށް އުފާވެރިކަމާއި ހަމަޖެހުން ގެނުވާ އެއްޗެކެވެ. ހިތަށް ހިތްގައިމުކަން ގެނުވާ އަޅުކަމެކެވެ. އެހެނީ ނަމާދަކީ މުއުމިނު އަޅާގެ މިޢްރާޖެވެ. ނުރައްކާތަކާއި ބިރުވެރިކަމުން އިންސާނާ ސަލާމަތްކޮށްދޭ އައްޑަނައެއް ކަމުގައި ނަމާދު ވެއެވެ. އަދި އެފަދައިން ނަމާދަކީ ހުރިހާ ނުރައްކަލަކުން މުއުމިނުން ސަލާމަތްކޮށްދޭ ކިއްލާ ވެސް މެއެވެ. މިއަދުގެ ދުނިޔޭގައި ނަފުސާނީ ބަލިމަޑުކަން ފެތުރެމުން އަންނަނީ ވަރަށް ހަލުވި ދުވެއްޔެއްގައެވެ. އެއީ މީސްތަކުންގެ ހިތްތައް ނުތަނަވަސްކުރުވާ ބައްޔެކެވެ. ކަންބޮޑުވެ ހާސްކުރުވާ މުޞީބާތެކެވެ. ކަންބޮޑުވެ އުދާސްވާ ކަންކަން މެދުވެރިވުމުން މި އުންމަތުގެ ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ނަމާދުކުރަން އަވަސްވެވަޑައިގަންނަވާ ކަމަށް حُذَيْفَةُ بْنُ الْيَمَانِ رَضِيَ الله عَنْهُ ވިދާޅުވިއެވެ. «كَانَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّمَ إِذَا حَزَبَهُ أَمْرٌ صَلَّى» (أبو داود: 1319) މާނައީ: "ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއަށް ބޮޑު ކަމެއް ކުރިމަތިވެ ވަޑައިގެންފިއްޔާ، އެކަލޭގެފާނު ނަމާދަށް އަވަސްވެވަޑައިގަންނަވައެވެ." އެކަލޭގެފާނު އެ ދައްކަވަނީ ކީރިތި ޤުރުއާނުގެ އަޚުލާޤެވެ. އެއީ ﷲ އަމުރުކުރައްވައިފައި ވާ ގޮތެވެ. އީމާންވީ މީހުންނާ މުޚާޠަބުކުރައްވައި ﷲ سبحانه وتعالى ވަޙީކުރައްވައިފައި ވެއެވެ. ﴿وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ﴾‏ ‎(البقرة: ٤٥) މާނައީ: "ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިއެދޭށެވެ!" މިއީ އިންސާނާގެ ރޫޙަށް ލިބޭ ވަރަށް ބޮޑު ހަމަޖެހުމެކެވެ. އެއީ މީހާގެ ނަފުސާނީ ކޮންޓުރޯލު އެ ކަމަކާ ގުޅިފައި ވާ ރޫޙެވެ. ރޫޙުގެ ހަމަޖެހުން ނުލިބެންޏާ ނަފުސުގެ ހަމަޖެހުން ނާންނާނެވެ. ނަފުސުގެ ހަމަޖެހުން ލިބެނީ ﷲގެ ހަޟުރަތުން ކަމަށް މުއުމިނުން ޤަބޫލުކުރެއެވެ. އެ ރައްކާތެރިކަން ދެއްވުން އެދި ނަމާދުގެ ކޮންމެ ރަކުޢަތެއްގައި ﷲގެ ޙަޟްރަތުން ވާތްގަށް އެދި ދެންނެވެއެވެ. އެއީ، ﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ‎﴾ (سورة الفاتحة: ٥). މި އާޔަތް ކިޔެވައިގެންނެވެ. މި އާޔަތުގެ މާނައީ: "އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގި އެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ." މި ވާހަކަތަކުން މި އެނގެނީ، ނަފުސަށް ކުރިމަތިވާ ވަރަށް ގިނަ ނުރައްކާތަކާއި ބިރުވެރިކަމާއި، ހިތާމަތަކުން ތަސައްލީ ހޯދުމުގައި ނަމާދުގެ ދައުރު ވަރަށް ބޮޑުކަމެވެ. މި ކަންކަން ނޭނގޭ ނަމަ، ހިތާމަތަކާއި މުޞީބާތުގެ ވަގުތުތަކުގައި އަތުންފައިން ގޯސްހެދި، ދިރިއުޅުމުން އުންމީދު ކެނޑި، އަމިއްލަ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިލެވޭ ހިސާބަށް ކަންތައްތައް ގޯސްވެގެން ހިނގައިދެއެވެ. އެ ހިސާބަށް މީހާ ދިޔަ ނުދީ ހިފަހައްޓާނޭ އެއްޗަކީ ނަމާދު ކަމާ މެދަކު ޝައްކެތްނެތެވެ. ނަމާދު ޤަވާޢިދުން ކުރާ މީހުން މިކަމަށް ހެކިވާނެއެވެ. އެނޫން މީހުންނަށް ނަސޭހަތްތެރިވަމެވެ! ނަމާދު ކުރަން އޮންނަ ރަނގަޅު ގޮތުގައި ނަމާދު ކުރަން އަވަސްވެގަންނާށެވެ! ތިބާގެ ހިތާމަވެރި ޙަޔާތަށް އޮތް އެންމެ އެކަށޭނަ ބައިވެރިޔަކީ ނަމާދެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ