ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް، ހައިކޯޓުގެ އިސްފަނޑިޔާރު ކަމުގެ މަޤާމުގައި ކުރިން ހުންނެވި ހުސެއިން ޝަހީދު އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަހީދާ ހަވާލުކުރައްވާފައެވެ.
ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ.
ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ހާސިލުކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެގޮތުން ސުއޫދު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ސުއޫދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ 3 ފަނޑިޔާރެއްގެ ޖިނާއީ މައްސަލަތަކަކާއި ސުލޫކީ މައްސަލަތަކެއް ތަހުގީގުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ