މާލެގައި ކުލަގަދަ ގޮތެއްގައި އީދު ހަވީރު ބާއްވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ”އީދު ހަވީރު 1446“ އަކީ ބަރަކާތްތެރި ފިތުރު އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުކޮށް، އީދު ސަލާންކޮށް އަދި ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން ފިތުރު އީދު ދުވަހުގެ ހަވީރު މާލޭގައި ބާއްވާ ޚާއްސަ ޙަރަކާތެއް ކަމަށެވެ.
މި ޙަރަކާތް ކުރިއަށްދާނީ މާލޭ ސަލްޓަން ޕާކުން ފެށިގެން، އިސްލާމީ މަރުކަޒު މައިދާނާއި، ޖުމްހޫރީ މައިދާނާއި، ރަސްމީ ބޮޑު ފާލަން ހުންނަ ސަރަޙައްދު ހިމެނޭހެން އެކަމަށް ޚާއްސަ ކުރެވިފައިވާ ބޮޑު ސަރަޙައްދެއްގައިކަމަށްވެސް އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.
އީދު ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަހުގެ ހަވީރު 4ން 6 އަށެވެ. އީދު ހަވީރުގައި ބައިވެރިވުމަށް ޒިޔާރަތްކުރާ އާއިލާތަކުން ސަލްޓަން ޕާކުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ ސަރަޙައްދަށް ވަނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް އެމްއެންޑީއެފުން ފާހަގަކުރެއެވެ.
މީގެ އިތުރުން، މި ސަރަޙައްދުތަކުގައި އީދު ހަވީރަށް ޒިޔާރަތްކުރާ އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމާއި، އީދު އުފަލުގައި ބާއްވާ އެކި ކުޅިވަރުތަކުގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާއި، އީދު ހަދިޔާދިނުންވެސް މި ޙަރަކާތުގައި ކުރިއަށްދާނެކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ވަނީ ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން އިންތިޒާމުކުރާ އީދު ހަވީރުގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ އާއިލާތަކަށްވެސް ދީފައެވެ. އެގޮތުން ކުޑަކުދިންނާއި ބެލެނިވެރިންނާއެކު އީދު ޙަރަކާތުގައި ބައިވެރިވެ، އާއިލާތައް ބައްދަލުކޮށް އުފާ ފާޅުކުރުމުގެ ފުރުސަތު މި ޙަރަކާތުގެ ތެރެއިން ލިބިގެންދާނެކަންވެސް އެމްއެންޑީއެފުން ފާހަގަ ކުރެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މާލޭގައި މިފަދަ އީދުހަވީރެއް ސަރުކާރުގެ އިދާރާތައް ގުޅިގެން ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ އިސްލާމީ މި މުހިއްމު މުނާސަބާގެ އުފަލުގައި ވީހާވެސް ގިނަ އާއިލާތައް އެއް ތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫޙު އާލާކުރުމެވެ. އަދި ވަކިން ޚާއްސަކޮށް ކުޑަކުދިންނަށްވެސް އީދުގެ އުފާވެރިކަން ބޮޑަށް ގެނެސްދިނުމެވެ.
ހަމައެއާއެކު، ޒަމާނުއްސުރެ ކޮންމެ އީދެއްގައިވެސް ދިވެހިންގެ މެދުގައި އޮތް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، ސަލާންގަލާންކޮށް މުނިފޫހިފިލުވުމާއި ހަދިޔާ ބަދަލުކުރުން ފަދަ ރީތި އާދަތައް އާލާކުރުމަކީވެސް މި ޙަރަކާތުގެ މަޤްސަދެކެވެ.
މުނިފޫހިފިލުވުމާއި އީދުހަދިޔާ ދިނުން ”އީދު ހަވީރު 1446“ ގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ