ދުންފަތުގެ ޤާނޫނަށް ގެނެވުނު އިސްލާހަކީ ވޭޕް ބޭނުންކުރަމުންދިޔަ މީހުން އަނބުރާ ސިގިރޭޓަށް ރުޖޫއަ ވެދާނެކަމަށް ބަލާ ގެނެވުނު ބަދަލެއް: ފަލާހު

ދުންފަތުގެ ޤާނޫނަށް މީގެކުރިން ގެނައި އިސްލާހަކީ ވޭޕް ބޭނުންކުރަމުންދިޔަ ގިނަ އަދަދެއްގެ ރައްޔިތުން އަނބުރާ ސިގިރޭޓަށް ރުޖޫއަވެދާނެ ކަމަށް ބަލައި، އެކަމަށް ރިއާޔަތްކޮށް ގެނެވުނު ބަދަލެއް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށައެޅިފައިވާ އިސްލާހާ ގުޅޭގޮތުން މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.
ފަލާހު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އުފެދުނު ފަހުން ހުށަހެޅިފައިވާ ބިލުތަކާއި އިސްލާހުތަކަކީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ދާއިރާތަކަށް އަމާޒުކޮށްފައިވާ ކަންކަން ކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ދުންފަތުގެ ބާވަތްތަކުން ނެގޭ ޑިއުޓީ ކުރިއަށްވުރެ ކުޑަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
 ”މީގެ ދުވަސްކޮޅެއް ކުރިން ދުންފަތުގެ ޤާނޫނަށް ގެނެވުނު އިސްލާހަކީ ވޭޕް ބޭނުންކުރަމުންދިޔަ އެތަކެއް ރައްޔިތުންނެއް އަނބުރާ ސިގިރޭޓަށް ރުޖޫއަ ވެދާނެކަމަށް ބަލާ ގެނެވުނު ބަދަލެއް“ ކަމަށް ފަލާހު ވިދާޅުވިއެވެ.
ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ވޭޕް މަނާކުރުމުން އެކަން ހުއްޓާލި މީހުން ސިގިރޭޓާއި ބިޑި ފަދަ ތަކެއްޗަށް ރުޖޫއަވުމުގެ ބަދަލުގައި، ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ. ދުންފަތާ ދުރު މުޖުތަމައުއެއް ބިނާކުރުމަށް ސަރުކާރުން ފަސް އަހަރުގެ ގައުމީ ކެމްޕެއިނެއް އިއުލާންކޮށްފައިވާކަން ފާހަގަކުރައްވަމުން، ވޭޕް މަނާކުރުމަކީ އިދިކޮޅު ފަރާތްތަކުގެ އާއިލާތަކުންވެސް އުފާކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލަކީ ސަރުކާރަށް އާމްދަނީ ހޯދުމަށް ކުރި ކަމެއް ނޫންކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް ސިއްހީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ގެއްލުމެއް ދޭނެ ބޭފުޅެއް ނޫން ކަމަށެވެ.
 ”ރައީސް ޑރ. މުއިއްޒުއަކީ މިޤައުމުގެ އެއްވެސް ރައްޔިތަކަށް ކުޑަވެސް ގެއްލުމެއް ސިއްހަތަކަށްވެސް އެހެން ގޮތަކަށްވެސް ޤައުމަކަށްވެސް ދައުލަތަކަށްވެސް ސަރުކާރަކަށްވެސް ކުންފުންޏަކަށްވެސް ލިބެން ބޭނުންފުޅުވާނެ ބޭފުޅެއްނޫން“ ފަލާހު ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މި މަޖިލީހަކީ ”ރަބަރު ސްޓޭމްޕް“ ޖަހާ ތަނެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، އެގޮތަށް އޮތީ ނިމިދިޔަ 19 ވަނަ މަޖިލިސް ކަމަށެވެ. 20 ވަނަ މަޖިލީހަކީ ވަރަށް ބިނާކުރަނިވި މަސައްކަތްތަކެއް ކުރަމުންދާ މަޖިލީހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ