ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާއިން އަޅައިކަޑައިގެން އެ ކުންފުނިތަކަށް ރިސޯޓުތައް ތަރައްގީކުރަން ތަންތަން ނެގޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވާއިދެއް އެކުލަވާލައިފި އެވެ.
މި ގަވާއިދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީތަކަށް) ރިސޯޓުތައް ތަރައްގީކުރަން ރަށްތަކާއި ބިންތަކާއި ފަޅުތަައް ކުއްޔަށް ދެވޭ ގޮތަށް މި ސަރުކާރުން ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އެކުލަވާލި ގަވާއިދެކެވެ.
މި ގަވާއިދުގެ ދަށުން ދައުލަތުގެ ކުންފުނިތަކަށް ތަންތަން ދިނުމުގައި ލީސް އެކުއިޒިޝަންގެ އަދަދު ކަނޑައެޅުން ވެސް އޮތީ އާންމު އުސޫލުން ބޭރުން، މިނިސްޓްރީން ކަނޑައަޅާ މިންވަރެއް ދައްކާ ގޮތަށެވެ. މި ފައިސާ އެކީ އެއް ފަހަރާ ދައްކަން ޖެހެ އެވެ.
އެސްއޯއީތަކުން ލީސް އެކުއިޒިޝަންގެ އަގު ދައްކަން ސަރުކާރުން ދޭން ޖެހޭ ފައިސާ ބޭނުންކުރެވޭ ކަމަށް އޮތް އިރު، އެއީ އެހީގެ ގޮތުގައި ދޭން ޖެހޭ ފައިސާ ކަމެއް ނޫނީ ކެޕިޓަލްގެ ގޮތުގައި ދޭން ޖެހޭ ފައިސާ ކަމެއް ނޫނީ ހިދުމަތެއް ހޯދައިގެން ދޭން ޖެހޭ ފައިސާ ކަމެއް ބަޔާންކޮށްފައި ނެތެވެ. ގަވާއިދުގައި އޮތީ ރިސޯޓު ތަރައްގީކުރަން ބޭނުންވާ ކުންފުންޏަކުން ހުށަހަޅަން ޖެހެނީ ފިނޭންސުގެ ލިޔުމެއް އެކަނި ކަމަށެވެ.
މި ގޮތަށް ރިސޯޓު ނެގުމަށް ފަހު އެހެން ބަޔަކަށް ސަބްލީސް ކުރުން ސަރުކާރު ކުންފުނިތަކަށް މަނަލެވެ. މިހެން ނަމަވެސް، ރިސޯޓު ތަރައްގީކުރުމަށް ފަހު މެނޭޖުމަންޓު އެއްބަސްވުމެއްގެ ދަށުން ރިސޯޓު ހިންގަން އެހެން ބަޔަކާ ހަވާލުކުރެވެ އެވެ.
ސަރުކާރުން ޓޫރިޒަމް ގާނޫނު ބަދަލުކުރިއިރު، ދައުލަތުގެ ކުންފުނިތަކުގެ މާނަކޮށްފައި ވަނީ ސަރުކާރުގެ މަދުވެގެން 45 ޕަސެންޓު ހިއްސާވާ ކުންފުނިތައް ކަމަށެވެ. ބެލެވޭ ގޮތުގައި މިއީ ޖޮއިންޓް ވެންޗާ އުސޫލުން އެސްއޯއީތަކާއި ޕްރައިވެޓު ސެކްޓަރާ ބައިވެރިވެގެން ރިސޯޓު ތަރައްގީކުރަން ހުށަހެޅޭ ގޮތަށް ފަހިކުރަން ކުރި ކަމެކެވެ.
ޓޫރިޒަމުގެ ގަވާއިދުގައި ވަނީ، ކުލީގެ އެއްބަސްވުމުގެ މުއްދަތު އޮންނަހާ ހިނދެއްގައި ރިސޯޓު ތަރައްގީކުރާ ދައުލަތުގެ ކުންފުންޏެއްގައި އޮތް ސަރުކާރުގެ 45 ޕަސެންޓު ހިއްސާ ދަށްވާނެ ފަދަ ގޮތަކަށް، ހިއްސާއަށް ބަދަލު ގެނެސްގެން ނުވާނެ ކަމަށެވެ.
އެސްއޯއީތަކުން ރިސޯޓުތައް ތަރައްގީކުރަން އުޅޭއިރު، މިއީ ވަރަށް ކުރީންސުރެން އެކި ސަރުކާރުތަކުގައި މަސައްކަތްކޮށްގެން ވެސް ކާމިޔާބުނުވާ މޮޑެލްއެކެވެ. މީގެ ކުރިން އެސްޓީއޯ އާއި އައިލެންޑް އޭވިއޭޝަން ފަދަ ކުންފުނިތަކުން ވަނީ އެ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު ހޯދަން ފަސޭހަކުރަން ކަމަށް ބުނެ ރިސޯޓު ވިޔަފާރިއަށް ނިކުންނަން މަސަައްކަތްކޮށްފަ އެވެ.
ހަމަ އެހެންމެ، ސަރުކާރުން ރިސޯޓުތައް ތަރައްގީކުރަން އުފައްދާފައިވާ ޕަބްލިކް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް 20 އަހަރުގެ ތެރޭގައި އެންމެ ރިސޯޓެއް ވެސް ތަރައްގީނުކުރެވެ އެވެ. އެ ކުންފުނީގެ ހަވާލުގައި ހުރި ރަށްތަކުގެ ތެރެއިން ރިސޯޓުތައް ތަރައްގީކޮށްގެން ހިންގަނީ ސަބްލީސް އުސޫލުން ރިސޯޓު ތަރައްގީކުރުމުގެ ހައްގުތަށް ބޭރުގެ ކުންފުނިތަކަށް ދިން ރަށްތަކުން އެކަންޏެވެ.
ސަރުކާރުން އެސްއޯއީތަކަށް ދޭން ޖެހޭ ފައިސާއިން ކަނޑާ ގޮތަށް ރިސޯޓު ހަދަން ތަންތަން ނެގޭނެ ގަވާއިދެއް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ