އައްޑޫ ސިޓީ ހިތަދޫގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ "ޑްރަގް ކެފޭ" އެއް ކަމަށް ތުހުމަތުކުރެވޭ ސ. ހިތަދޫ، "މައިލޯސިޓީ" ގެ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފި އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ޑްރަގް ކެފޭ ބަންދުކުރީ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަކަށެވެ. އެ ކެފޭ ބަންދުކުރަން އަމުރުކުރީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.
"އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީ،" ފުލުހުން ބުނެފައިވެ އެވެ.
ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އެގޮތުން އެފަދަ ތަންތަނަށް ހުއްދަ ނުހޯދައި ވަންނަ މީހުންނާއި، އެތަނަށް ގެއްލުންދޭ މީހުންނާމެދު ގާނޫނީގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.
ފުވައްމުލައް ސިޓީގައި ހަމަ މިގޮތަށް ހިންގަމުންދިޔަ ޑްރަގް ކެފޭއެއް ބަންދުކުރަން ފުވައްމުލަކުގެ މެޖިސްޓްރޭޓް ކޯޓުން މިދިޔަ މަހު އަމުރެއް ނެރުނެވެ. އެއީ ޏ. ފުވައްމުލައް، ފުނާޑު، ގުލިސްތާނުގޭގައި ހިންގާ ޑްރަގް ކެފޭ އެވެ. އެތަން ބަންދުކުރީ 85 ދުވަހަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މާލޭގައި ހިންގި ޑްރަގު ކެފޭއެއް ވެސް ބަންދުކުރި އެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހިންގާ "ޑްރަގު ކެފޭ" އެއް 90 ދުވަހަށް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ