ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ގައުމަށް ހަމަޖެހުން ލިބޭނެ: އިމްރާން

މާލޭގެ ތަރައްގީއާއި ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުން މުހިންމުކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ކުރިޔަށް ގެންދިޔަ ޕީއެންސީ ހެންވޭރު ދެކުނު ދާއިރާގެ ކެންޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވުން ޖަލްސާގައި އިމްރާން ވިދާޅުވީ، މޭޔަރެއްގެ މުހިންމުކަން ދިވެހިންނަށް އެނގިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުން ކަމަށެވެ. ނަމަވެސް، އޭރުގެ މަރުކަޒީ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދެއްކި ނަމަވެސް، ރައީސް ކުރެއްވި މަސައްކަތްތަކަށް ހުރަސްއަޅައި، އެ މަސައްކަތްތައް ހުއްޓުވާފައިވާކަމަށް ވިދާޅުވި އެވެ.
ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތައުރީފް ކުރައްވަމުން އިމްރާން ވިދާޅުވީ، އެއީ ގައުމުގެ ދިފާއުގައި ”މޭ އައްޑަނައަކަށް ހަދައިގެން“ ނުކުމެވަޑައިގަތް ބޭފުޅެއް ކަމަށާއި، މާލެއަށް ބޭނުންވަނީ އެފަދަ ވަރުގަދަ ލީޑާޝިޕެއް ކަމަށެވެ.
2003 ވަނަ އަހަރުން ފެށިގެން ރާއްޖެ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮތް އިރު، މިއަދު އުމުރުން 18 އަހަރުވާ ކުދިންނަށް ވެސް ފެނިފައި ވަނީ މި ހަލަބޮލިކަންކަމަށާއި، މާލެއަކީ އަމާން އަދި އެކުވެރި މާހައުލަކަށް ހެދުމަށްޓަކައި ގައުމީ އެއްބައިވަންތަކަމަށް ”އާނއެކޭ“ ބުނަންޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރައީސް މުއިއްޒުގެ އިސްނެންގެވުމާއިއެކު މަޖިލިސް މެންބަރުން ގަނެވިއްކުމުގެ ބާޒާރު މިހާރު ބަންދުކުރެވިފައިވާ ކަމަށެވެ. އަދި ދެ އަހަރުން ދެ އަހަރުން އިންތިހާބުތައް ބާއްވަންޖެހުމުން އިޖުތިމާއީ ފޭރާން ހަލާކުވެ، ގުޅުންތަކަށް ބުރޫއަރާކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓުގައި ”އާނއެކޭ“ ބުނުމަކީ ހަމައެކަނި ހަރަދު ކުޑަކުރުމަށް ބުނެވޭ ބަހެއް ނޫންކަމަށާއި އެއީ ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ