ފަލަސްޠީންގެ ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމަށް މިދިޔަ އޮކްޓޯބަރު މަހު އަލުން ޢަމަލުކުރަން ފަށާފައިވާ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފަލަސްޠީނުގެ މަންދޫބުންނާ އެކު މިކަމުގައި މެދުއިވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤައުމުތަކުގެ މަންދޫބުންނާއެކު މިޞްރުގައި ފަށައިފިއެވެ.
ޙަމަލާތައް ހުއްޓައިލުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކުރަން ފެށުމާ ގުޅޭގޮތުން މިޞްރުގެ ވެރިރަށް ޤާޙިރާގައި ކުރިއަށްދާ މަޝްވަރާތަކުގައި މިޞްރު، ޤަތަރު އަދި ތުރުކީވިލާތުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.
މި މަޝްވަރާތަކުގައި ފަލަސްޠީނު ތަމްޞީލުކުރާ ވަފްދުގައި، ފަލަސްޠީނުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މަންދޫބުން ވެސް ހިމެނެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ދޭން ފެށި ޢުދުވާނީ ޙަމަލާތައް ނިމުމަކަށް އައިސްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުށަހަޅުއްވާފައިވާ، 20 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންކުރުމާއި، ޣައްޒާގެ ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ފޭބުމާއި، ސުލްޙަ ބަލަހައްޓަން ބައިނަލްއަޤުވާމީ ފައުޖެއް ޤާއިމުކުރުން ހިމެނެއެވެ.
ނަމަވެސް އެ އެއްބަސްވުމަށް ޢަމަލުކުރަމުންދަނީ ނަމެއްގައެވެ. ސުލްޙައިގެ އެއްބަސްވުން އިޢުލާނުކުރި ފަހުން ވެސް ޔަހޫދީން ދަނީ ހުއްޓުމެއްނެތި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޙަމަލާތައްދީ، ފަލަސްޠީނުގެ މައުސޫމް ރައްޔިތުން ޝަހީދުކުރަމުންނެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނާ ގޮތުގައި، ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުންވެސް، ޔަހޫދީން ވަނީ 960އަށް ވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލައި، އިތުރު 3،000އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފައެވެ.
ސުލްޙައިގެ އެ އެއްބަސްވުމުގެ ދަށުން، ޣައްޒާގެ އިތުރު ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ފަހަތަށް ޖެހުމާއި، ބައިނަލްއަޤުވާމީ އަމަން ބަލަހައްޓާ ފައުޖުގެ ބެލުމުގެ ދަށުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އާއި ޣައްޒާ އަލުން ބިނާކުރަން ބޭނުންވާ ސާމާނު އެތެރެކުރުން ހިމެނެއެވެ.
ޣައްޒާގެ ސުލްޙައާ ގުޅޭ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ