ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރެއްވި ސޯބެ ހުވާކުރުން އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ހުވާ ކުރުން އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެއަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސޯބެ މަޖިލިސް މެންބަރުކަމުގެ ހުވާ ކުރުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 8:30 ގައި ކަމަށެވެ.
ހިތަދޫ އިތުރު ދާއިރާގެ ހުސްވެފައިވާ މަޖިލިސް ގޮނޑިއަށް މެންބަރަކު އައްޔަނުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަން ސޯބެ ކާމިޔާބު ކުރެއްވީ 51 ޕަސެންޓުންނެވެ. އެއީ 1375 ވޯޓެވެ.
ސޯބެއާ ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 48 ޕަސެންޓު ވޯޓެވެ. އެއީ ޖުމްލަ 1313 ވޯޓެވެ.
އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ މެންބަރުކަމުގެ ހުވާ ކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވާނެ އެވެ. އަދި ޕީއެންސީގެ މެންބަރުންގެ އަދަދު 75 އިން 74 އަށް މަދުވާނެ އެވެ. 
ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ، މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން 12 އޭޕްރިލް 2026 ގައި ކުރި ހުކުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ