ކައުންސިލަރު ޒާޔާގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުން މާދަމާ ފަށަނީ

ނިމިދިޔަ އަހަރުގެ އޮކްޓޯބަރު 3، ގައި އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ. 
މުޒާހަރާ ގުޅިގެން ޒާޔާގެ މައްޗަށް އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ. 
ޒާޔާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ޖަހާއިރެވެ. އެއީ ދައުވާއާ ގުޅިގެން ބާއްވާ އިބްތިދާއީ އަޑުއެހުމެވެ.  
މި ދައުވާއާ ގުޅިގެން ޒާޔާ ފޭސްބުކްގައި ވިދާޅުވީ ރައްޔިތުންގެ ތާއީދު ގެއްލިފައިހުރި މުހައްމަދު މުއިއްޒު ދައްކާ ބިރަށް ބޯގުދު ނުކުރާނެ ކަމަށެވެ. 
މިދިޔަ އަހަރުގެ އޮކްޓޯބަރު 3، ގައި އެމްޑީޕީން ބޭއްވި މުޒާހަރާއާ ގުޅިގެން ޒާޔާ ހިމެނޭގޮތަށް ޖުމްލަ އަށް މީހަކަށް ދައުވާކުރި އެވެ. އޭގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުވެސް ހިމެނެ އެވެ. 
މީގެއިތުރުން ދައުވާ އުފުލީ އަބްދުއްސަލާމް، މުހައްމަދު ހަމާއިދު އަބްދުލްޣަނީ، އަލީ ނައުފަލް، އާއިޝަތު ނަޖުދާ އަލީ، އަލީ މުއައްވަޒް އަދި ހުސައިން ރަޝީދުގެ މައްޗަށެވެ. 
އޮކްޓޯބަރު 3، 2026، ގައި އެމްޑީޕީގެ މުޒާހަރާ އާޓިފިޝަލް ބީޗުން ފެށުމަށް ފަހު މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކުރުމުން ފުލުހުން ބާރާއި ހަތިޔާރު ބޭނުންކޮށްގެން މުޒާހަރާއަށް ހުރަސް އެޅި އެވެ.
އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މުޒާހަރާ ރޫޅާލައިފަ އެވެ. އޭގެ އިތުރުން ޕެޕާ ސްޕްރޭ ވެސް ބޭނުން ކުރި އެވެ. ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން މީހަކަށް ހާޓް އެޓޭކެއް ވެސް ޖެހުނެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެ، އެމްޑީޕީގެ މެންބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށާއި ނުހައްގުން މީހުން ވަޒީފާއިން ވަކިކުރުމަށް ގޮވާލައި ބުރާސްފަތި ދުވަހުގެ ރޭ ރަސްފަންނު ސަރަހައްދުގައި މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ