ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖެއަކީ ’ސުވަރުގެއެއް‘ ކަމަށްވާނަމަ، އެ ރީތިކަމުގެ އަސްލު ކަމުގައިވާ މި ނާޒުކު ޖަޒީރާ ރަށްތައް ފަނާވެދިއުމުގެ ބިރު މިއަދު އޮތީ ކިހާ މިންވަރަކަށް ހެއްޔެވެ؟ ރާއްޖެއަކީ އޭގެ ނޫވިލުތަކާއި ހުދު ދޮންވެލި ގޮނޑުދޮށްތަކުގެ ސަބަބުން ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ތަނެއް ނަމަވެސް، މި ފުރިހަމަ މަންޒަރުގެ ފުރަގަހުގައި ވަނީ ގައުމުގެ ދެމިއޮތުމާ ގުޅިފައިވާ ތިމާވެށީގެ އެތައް ދާއިރާއެއްގެ މައްސަލަތަކެކެވެ.
މި މައަސަލަތަކަކީ މީގެ ހައްލު އޭހެ އެންމެ އެދެވޭގޮތުގައި ނުހޯދައިފިނަމަ، އެކަމުގެ ނޭދެވޭ އަސަރު އަންނަަން އޮތް ޖީލުތަކަށް ފޯރުން ވަރަށް ކައިރީގައިވާ ކަމެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ވަޠަނުގެ ތިމާވެށި ހިމާޔަތްކުރުމަކީ ހަމައެކަނި ލިބިފައިވާ އިހުތިޔާރެއްކަމަށް ދެކިގެން މިކަން ވާކަށް ނެތެވެ. އަދި މި ކަމަކީ އަންނަން އޮތް ޖީލުތަކުގެ ދިރިތިބުމަށްޓަކައި މިއަދު އަޅަންޖެހިފައިވާ ކޮންމެހެން މަޖުބޫރު، ކުއްލި ފިޔަވަޅެކެވެ.
ދިވެހިރާއްޖޭގައި އިތުރުވަމުންދާ ތިމާވެށީގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ހާއްސަކޮށް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އޮތް ވައި ނުސާފުވުމުގެ މައްސަލައެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ރަށްރަށުގައި ސައިކަލާއި އެހެނިހެން އުޅަނދުފަހަރުގެ އަދަދު ހަލުވިކަމާއެކު އިތުރުވެފައިވާއިރު، މި ފަދަ ސަރަހައްދުތަކުގައި 60،000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ކަމަށް ލަފާކުރެވެއެވެ.
މީގެ ސަބަބުން ކާބަން މޮނޮކްސައިޑް އަދި ނައިޓްރޯޖަން ޑައިއޮކްސައިޑް ފަދަ ގެއްލުންދެނިވި ގޭސްތައް ބޭރުވެ، ވައިގެ ފެންވަރު ދަށްވެ ސިއްހީ ނުރައްކާތައް ކުރިމަތިވެއެވެ. މީގެ އިތުރުން، ތިލަފުށި ފަދަ ތަންތަނުގައި ކުނި އެންދުމުގެ ސަބަބުން ޖައްވަށް ވިހަ ދުން ބޭރުވެ، ވައި އިތުރަށް ނުސާފުވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިފަދަ ނުސާފު ވައިގެ ސަބަބުން ނޭވާލާ ނިޒާމުގެ ބަލިތައް، ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި މައްސަލައަކީ، ގިނަ ފަހަރަށް އަޅާނުލެވި ދިޔަ ނަމަވެސް، ރާއްޖޭގެ އާންމު ސިއްހަތަށާއި ތިމާވެށްޓަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.
ދެން ކުރިމަތިވާ އަނެއް މައްސަލައަކީ ކުނި މެނޭޖްކުރުމުގެ މައްސަލައެވެ. އެގޮތުން، ރާއްޖޭގައި ދުވާލަކު 800 ޓަނަށްވުރެ ގިނަ ކުނި އުފެދޭއިރު، މީގެ ބޮޑުބައެއް އަންނަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުންނެވެ. އަދި މީގެ ތެރެއިން ބޮޑު އިންސައްތައެއް ތިލަފުއްޓަށް އުކާލެވޭއިރު، އެތަނަކީ ތިމާވެށީގެ ގޮތުން ނުރައްކާތެރި ތަނެއްގެ ގޮތުގައި މިހާރު ވަނީ ފާހަގަކުރެވިފައެވެ. ކުނި އުކާލުމުގެ ނިޒާމު ދަށްވުމުގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވެ، ކަނޑުގެ ދިރުންތަކަށް ގެއްލުންވެ، ގައުމުގެ ގުދުރަތީ ރީތިކަން ހަލާކުވެއެވެ. އެހެންކަމުން، ހަރުދަނާ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކޮށް، އާންމުން މިކަމަށް ޒިންމާދާރު ނުވެއްޖެނަމަ، މި މައްސަލަ ދާނީ އިތުރަށް ގޯސްވަމުންކަން އަހަރެމެން އެންމެނަށް ވެސް އެނގެއެވެ.
އަޅުގަނޑުމެންގެ ކުދި ރަށްތަކުގެ ރައްކާތެރިކަމާއި އިގްތިސާދުގެ މައިބަދައާ ގުޅިފައިވާ މުރަކައިގެ ފަރުތައް މިއަދު ވަނީ ނެތިދިއުމުގެ ނުރައްކަލުގެ ކުރިމަތީގައެވެ. ކަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ކުރިމަތިވާ ’ކޮރަލް ބްލީޗިން‘ ނުވަތަ ގާ ހުދުވުމުގެ މައަސަލައިގައި، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ފަރުތަކުގެ 60 އިންސައްތަ މިހާރުވެސް ވަނީ ހަލާކުވެފައެވެ. މި ފަރުތަކަކީ ހަމައެކަނި ގުދުރަތީ ރީތިކަމެއް ނޫނެވެ. އެއީ ގަދަވަޔާއި ބޮޑެތި ރާޅުތަކުން ރަށްތައް ހިމާޔަތްކޮށްދޭ ފާރަކަށް ވީހިނދު، ގައުމީ އުފެއްދުންތެރިކަމުގެ 25 އިންސައްތަ ހިއްސާކުރާ ފަތުރުވެރިކަމުގެ ބިންގާވެސް މެއެވެ. އެހެންކަމުން، ފަރުތަކުގެ ދިރުން އިއާދަކުރުމަކީ މި ގައުމުގެ އިގްތިސާދީ އަދި ޖިއޮގްރަފީ ހަމަޖެހުމަށްޓަކައި މިއަދު ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެކެވެ.
މި ހުރިހާ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އަދިވެސް އުންމީދު އެބައޮތެވެ. ސަރުކާރުން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަނާކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުން ފަދަ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އަދި ސުކޫލުތަކަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ފެންފުޅި ވެއްދުން ވެއްދުން ވެސް ވަނީ މަނާކޮށްފައެވެ.
މިއީ ފެށުމެކެވެ. ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމައެކަނި މި މަސައްކަތްތަކުން ފުދޭކަށް ނެތެވެ. ކޮންމެ ފަރުދަކުވެސް ކުނި މަދުކުރުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޒިންމާ ނަގަންޖެހެއެވެ. ވަކިވަކި ފަރުދުން ކުރާ ކުދިކުދި މަސައްކަތްތައް އެއްވުމުން، ބޮޑު ބަދަލެއް ގެނެވިދާނެއެވެ. ވައި ނުސާފުވުމާއި، ކުނި އިތުރުވުމާއި، ފަރުތައް ހަލާކުވުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބިރެކެވެ. އަޅުގަނޑުގެ ނަޒަރުގައި، މި ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށްޓަކައި އެންމެން ގުޅިގެން ވަގުތުން ފިޔަވަޅު އަޅަންޖެހެއެވެ. މިއަދު އަޅުގަނޑުމެން ފިޔަވަޅު ނާޅައިފިނަމަ، ގެއްލިގެންދާނީ ހަމައެކަނި ރާއްޖޭގެ ގުދުރަތީ ރީތިކަމެއް ނޫނެވެ. އަންނަން އޮތް ޖީލުތަކުގެ ދުޅަހެޔޮކަން ވެސް ގެއްލިގެންދާނެއެވެ.
ތިމާވެށި ހިމާޔަތްކުރުން: އެންމެންގެ މައްޗަށްވާ ގައުމީ ޒިންމާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ