އިންތިޚާބު ކާމިޔާބުވެ ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، ނުވަތަ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން ވެރިކަން ލިބިވަޑައިނުގެންނެވި ނަމަވެސް ވިލާ ކުންފުނީގެ ޗެއާމަން، އޮނަރަބަލް ޤާސިމް އިބްރާޙީމްގެ ޚަރަދުގައި، ލޯނު ނަގައިގެން ކިޔަވަމުން ގެންދާ އަދި ކިޔަވާ ނިމި، ލޯނު ދައްކާ ނިމިފައިނުވާ ހުރިހާ ކުދިންގެ ލޯނު މަޢާފުކޮށްދެއްވުމުން އެމަނިކުފާނަށް ދީނީ އިލްމުވެރިޔާ އަލީ ޒައިދު ތައުރީފުކުރައްވައިފިއެވެ.
ސްޓޫޑެންޓު ލޯނު މަޢާފުކޮށްދެއްވިކަން ޤާސިމް އިއުލާނުކުރެއްވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެކުލަވާލި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރިޔާސީ މެނިފެސްޓޯ އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެތައް ހާސް ދިވެހިންތަކެއްގެ ދަރަނި މަޢާފުކޮށްދޭން ޤާސިމް އިބްރާޙީމް ނިންމަވައި އެކަން އިއުލާނުކުރެއްވިއިރު، އެމަނިކުފާނާއި އެމަނިކުފާނުގެ ކުންފުނި އަދި ފައުންޑޭޝަނުން، މަތީ ތައުލީމު ހާސިލްކުރާނެ މާލީ ތަނަވަސްކަން ނެތް އެތައް ބަޔަކަށް އެތައް އެހީތަކެއް ވެފައިވެއެވެ. އެގޮތުން މަތީ ތައުލީމަށް ބޭނުންވާ ފީގެ ވަކި އިންސައްތައެއް ނުވަތަ މުޅި ފީ އެއްކޮށް ވެސް އެހީގެ ގޮތުގައި ދެއެވެ.
ޤާސިމްގެ އެހީގައި ތައުލީމު ހޯދާފައިވާ އަދި ހޯދަމުންދާ ކުދިންގެ ޖުމްލަ އަދަދު 8،000އާ ގާތްކުރެއެވެ. ޤާސިމްގެ ވާހަކަފުޅުގައި ހާމަކުރެއްވި ގޮތުގައި މިއީ ދިވެހި ރުފިޔާއިން ގާތްގަނޑަކަށް ބިލިއަނެއްހައި ރުފިޔާއެވެ.
ދިވެހި ރައްޔިތުންނަށް ޤާސިމް ދެއްވި ޔަގީންކަމަކީ، މި އިންތިޚާބު ކާމިޔާބުވެ ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، ނުވަތަ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން ވެރިކަން ލިބިވަޑައިނުގެންނެވި ނަމަވެސް ސްޓޫޑެންޓު ލޯނުތައް މައާފުކޮށްދެއްވާނެކަމުގެ ޔަގީންކަމެވެ.
މިކަމަށް މަރުހަބާކިޔައި ޝެއިހް ޒައިދު ވިދާޅުވީ މިއީ އާދަޔާ ޚިލާފު ބޮޑު ނިންމުމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ޢިލްމަކީ ޖާހިލުކަމަށް އޮތް ހަމައެކަނި ފަރުވާކަމަށް ވާއިރު ވެރިކަމަށް ހޮވުނަސް އަދި ނުހޮވުނު ކަމަށްވިޔަސް މި ލޯނުތައް މާފު ކުރެއްވުމަކީ ފާހަގަކުރުން ޙައްޤު ކަމެއް ކަމަށް ވިދާޅުވެ ޝެއިހް ޒައިދުވަނީ ގާސިމް އިބްރާހިމަށް ތައުރީފްކުރައްވާފައެވެ.
ސްޓޫޑެންޓު ލޯނު މާފު ކޮށްދިނުމުން ޝެއިހް އަލީ ޒައިދުގެ ތައުރީފް ގާސިމް އިބްރާހިމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ