10 އަހަރުވުމުން ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާނަން: މުއިއްޒު

މަސައްކަތުގެ ދާއިރާގައި ދިހަ އަހަރުވުމުން ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް އޭނާގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އދ. މަހިބަދުއަށް ރޭ ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޕެންޝަން ފަންޑުގައި މިހާރުވެސް 20 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި ޕެންޝަން ފަންޑުން އަހަރެއްގެ މައްޗަށް 100 މިލިއަން ރުފިޔާގެ ފައިދާވި ނަމަވެސް ޕެންޝަނާ ބެހޭ ގާނޫނު އޮންނަ ގޮތުން އެ ފަންޑުގައި ހުރި ފައިސާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ޕެންޝަން ފަންޑުން އިތުރު އިންވެސްޓްމަންޓްތަކަށް ފުރުސަތުދީ، އެ ފަންޑު ފުޅާކުރާނެ ކަމަށެވެ. އަދި 10 އަހަރު ދުވަހު މަސައްކަތް ކުރުމުން ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
"ގާނޫނަށް ބަދަލު ގެނެސްގެން، މި ފަންޑުން (ޕެންޝަން ފަންޑުން) ގެދޮރު ބިނާކުރުމަށްޓަކައި ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި ދަރީން ކިޔެވުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ބޭނުންވާ އާއިލާތަކަށް އެގޮތަށް އޭގެން ފައިދާކުރުމާއި އަމިއްލަ ވިޔަފާރިއެއް ފެށުމަށް އޭނާ ޖަމާކުރި ފައިސާއިން އިންވެސްޓްމަންޓްގެ ގޮތުގައި ކޮންމެވެސް ވަރެއް ނެނގޭ ގޮތަށް ހެދުމާއި މިފަދަ ކަންކަމަށް ފަހިވާ ގޮތަށް އިރާދަކުރެއްވިއްޔާ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާނަން" މުއިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ