ނިޒާމީ ވޯޓެއް ނަގަން ޕީޕީއެމްގެ ޝިޔާމް ތާއީދުކޮށްފި

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހުގައި އިދިކޮޅު ޕީޕީއެމް ތަމްސީލުކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ -  ޝިޔާމް މިގޮތަށް ވިދާޅުވީ، ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހަޅުއްވާފައިވާ ނިޒާމީ ގަރާރަށް ބަހުސްކުރައްވަމުން ނެވެ.
ބުނީ ކީކޭ؟ - ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލެވޭ އާބާދީގެ 56،900 އެއްހާ މީހުން ވޯޓު ލާން ނުދިއުމުން އެކަމާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އެއީ، ރާއްޖޭގައި 16 އަހަރުވީ ރިޔާސީ ނިޒާމުގެ މައްސަލައެއްގެ ސަބަބުން ރައްޔިތުން އަމަލުކުރި ގޮތެއްތޯ އެ މީހުންގެ ކައިރިން ސާފުކުރުމަކީ އޭނާ ތާއީދުކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުން 16 އަހަރުވީ މި ނިޒާމުގައި ކޮބާތޯ ގޯސްކަމަކީ އަނެއްކާ ވެސް ރައްޔިތުން ކުރެން އަހާލުމަކީ އަޅުގަނޑު ހަމަ ތާއީދުކުރާ ކަމެއް.
ރައްޔިތުން ކައިރިން އަހާލައިގެން އަނެއްކާ ރައްޔިތުން ބޭނުންވާ ގޮތަކަށް ކުރިއަށް
ގެންދިއުމަކީ އަޅުގަނޑުމެން ނުރުހޭ ކަމެއް ނޫން، ރުހޭ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.
އެނގުން މުހިއްމު- ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 3 ވަނަ އަށް ދިޔަ ޑިމޮކްރެޓްސްގެ ފަރާތުން، ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި އަރާނޭ ކޮޅެއް ނިންމުމަށް ހުށަހަޅާ ޝަރުތަކީ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ. ޕީޕީއެމްއަށް ވެސް އެ ޝަރުތު ކުރި ނަމަވެސް، އެ ޕާޓީން އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ. ނަމަވެސް އެހެން މަޝްވަރާތައް އަދިވެސް ކުރިއަށް އެބަދެ އެވެ.
ފަސް މަންޒަރު - ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއް ކަމަށް، އޮގަސްޓް 2007ގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން ވަނީ ކަނޑައަޅައިފަ އެވެ. އޭރު ވެރިކަމުގައި ހުންނެވި މައުމޫން އަބްދުލް ގައްޔޫމް ރިޔާސީ ނިޒާމަށް ތާއީދު ކުރެއްވި އިރު، އެމްޑީޕީ އާއި ނަޝީދު ވެސް ތާއީދު ކުރައްވާފައި ވަނީ ބަރުލަމާނީ ނިޒާމަށެވެ.
އެ ވޯޓުގެ ނަތީޖާ އަކީ:
ރިޔާސީ ނިޒާމް - 95،619 ވޯޓު (%62.04)
ބަރުލަމާނީ ނިޒާމް - 58،504 ވޯޓު (%37.96)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ