ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙަށް މާބޮޑު ތާއީދެއް ލިބިވަޑައިނުގަންނަވާނެކަމަށާއި، އިންތިޚާބަށްފަހު އެމަނިކުފާނު ވާނީ ހަމައެކަނި "ފޮޓޯގަނޑަކަށް" ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ދޫކުރައްވާ، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް މަސައްކަތްކުރެއްވި ވައްޑޭ ވިދާޅުވީ، އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ އިންސައްތައާ ގާތަށް ވެސް ރައީސް ޞާލިޙަށް ވޯޓު ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމަށް 40 އިންސައްތައާ ގާތްކުރާ އަދަދަކަށް ވޯޓުލިބޭނެކަމަށް މެމްބަރު ވައްޑޭ ވިދާޅުވިއިރު، ދަ ޑިމޮކްރެޓްސްއިން 30 އިންސައްތައަށްވުރެ ގިނަ ވޯޓު ހޯދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ރައީސް ޞާލިޙް، ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނެ އެއްވެސް ގޮތެއްނެތްކަމަށް ވިދާޅުވެ މެމްބަރު ވައްޑޭ އިތުރަށް ވިދާޅުވީ، "55 ދުވަސްފަހުން އެއީ (ރައީސް ޞާލިޙަކީ) ހަމައެކަނި ފޮޓޯގަނޑެއް" ކަމަށެވެ.
އިންތިޚާބުގައި ވާދަކުރާ ޕާޓީތަކަށް ލިބޭނެކަމަށް މެމްބަރު ވައްޑޭއަށް ލަފާކުރެވޭ އަދަދުތައް އޭނާ ހާމަކުރެއްވިއިރު ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރެއްވި ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ މީގެކުރިން ލަފާކުރެވޭ އަދަދުތަކެއް ހިއްސާކުރައްވާފައެވެ.
އެގޮތުން ރައީސް ޞާލިޙަށް ކުރިއަށްއޮތް އިންތިޚާބުގައި ލިބިވަޑައިގަންނަވާނީ ގާތްގަނޑަކަށް ވޯޓުލާ މީހުންގެ 18 އިންސައްތަ މީހުންގެ ވޯޓުކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ. އަދި އެ އަދަދު ކޮންމެވެސް މިންވަރަކަށް ބަދަލުވި ނަމަވެސް، މާބޮޑު ބަދަލެއް ނާންނާނެކަމަށް އީވާ ވިދާޅުވެފައިވެއެވެ.
ދަ ޑިމޮކްރެޓްސްގެ ލީޑާޝިޕުން ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދު ހުރި ތަސައްވުރުތައް ހިއްސާކުރައްވާފައިވާއިރު، އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކުރައްވާފައިވާ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު ނެތެވެ. އެ ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުގައި ކުރިއަށްދާއިރު، އެމަނިކުފާނާ ގުޅޭ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި ވެސް އެބަ ކުރިއަށްދެއެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް، ހައިކޯޓުން ބާތިލް ނުކުރާނަމަ އަދި އެއަށްފަހު މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ރައީސް ޔާމީނަށް އިތުރު ހުކުމެއް އަތުވެއްޖެނަމަ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެއެވެ.
ދަ ޑިމޮކްރެޓްސްއިން މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާފައި ނުވި ނަމަވެސް، އެ ޕާޓީން ވަނީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ފެންނާނެކަމަށް މީގެކުރިން ބުނެފައެވެ.
އިންތިޚާބަށްފަހު ރައީސް ޞާލިޙް ވާނީ ހަމައެކަނި ފޮޓޯގަނޑަކަށް: މެމްބަރު ވައްޑޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ