ކުރެންދޫގައި 50 ފްލެޓް ހަދަން އެސްޖޭ ޓްރޭޑަށް، ޕާކަކާއި ޕާކިން އޭރިއާއެއް ހަދާނެ

ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓް ހަދަން ސަރުކާރުން އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އެސްޖޭ ޓްރޭޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.
ސަރުކާރުގެ ބަޖެޓުން 95.98 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި 50 އެޕާޓްމަންޓާއި ލިފްޓް ހިމެނޭ ގޮތަށް ގްރައުންޑް ފްލޯގައި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދަކާއި އިމާރާތް ސާވިސް ކުރާނެ ސަރަހައްދެއް ހުންނާނެ އެވެ.
މި މަޝްރޫއުގެ ދަށުން ހަދާ ކޮންމެ އެޕާޓްމަންޓެއްގެ ބޮޑުމިނަކީ 1000 އަކަފޫޓެވެ. ކޮންމެ އެޕާޓްމަންޓެއްގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމެއް، ބަދިގެއެއް، ކާގެއެއް، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނޭނެ އެވެ. އޭގެ އިތުރުން ފްލެޓް ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ސަރަހައްދެއް ހަދައި، އިމާރާތް ވަށައިގެން އަލި ކުރާނެ އެވެ.
މި މަޝްރޫއު ނިންމަން ދީފައިވާ މުއްދަތަކީ ނުވަ މަސް ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ