ކުށް މަދުވިޔަސް މި ތިބީ ބޮޑާވެ ހިތްހަމަޖެހިގެނެއް ނޫން: އުމަރު
މީގެ ދެތިން އަހަރު ކުރިން ރާއްޖޭގައި އޮތްް ނުރައްކާތެރި މާރާމާރީތަކާއި ތޫނު ހަތިޔާރުން ބިރުދެއްކުން ހުއްޓުމަށް ކުރި މަސައްކަތުގެ ނަތީޖާ ފެންނަންފަށާފައިވާ ކަމަށާއި ނަމަވެސް ފުލުހުންނާއި ސަރުކާރު ތިބީ އެކަމާ ބޮޑާވެ، ހިތްހަމަޖެހި އަދި ފަސްޖެހިގެން ވެސް ނޫން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު އެހެން ވިދާޅުވީ ދ. މީދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އުމަރު ވިދާޅުވީ ފުލުހުންގެ ހިދުމަތް ފުޅާކުރާއިރު ރާއްޖޭގެ ވެށި އަމާން ކުރުމަށް ވެސް ފުލުހުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އުމަރު ވިދާޅުވީ ގައުމުގައި ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަލަށް ގެންނަންޖެހޭ ގާނޫނުތައް ގެނެސްގެން ވެސް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ފަސްނުޖެހި ކުރައްވަމުން ގެންދަވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު މުޅި ރާއްޖޭގައި ކުށުގެ ބިރުވެރިކަން ކުޑަކޮށް، އަމާންކަން ގާއިމު ކުރުމަށް ފުލުހުންް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިޖުތިމާއީ ގިނަ ޕުރޮގުރާމުތަކާއި ބްލޫޒް ފޯ ޔޫތު ކޭމްޕާއި ރެޑީ ކޭމްޕްފަދަ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާ ކަމަށާއި އެފަދަ ޕްރޮގުރާމްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރުގެ ވާހަކާގައި އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފަށައި ފުލުހުން ތިބޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވި އެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ފުލުހުން ތިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމަނައިގެން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް އަންނަ ޖޫން މަހުގެ ތެރޭގައި ވެސް އިތުރު 20 ރަށުގައި ފުލުހުންގެ ހިދުމަތް ފެށުމުގެ ތައްޔާރީތައް ނިމިފައިވާ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ