ޕާޓީތަކުގެ މަޝްވަރާތަކުގައި ދެން ބައިވެރިވާނީ އިދިކޮޅު އިއްތިހާދު

ޕާޓީތަކުގެ މަޝްވަރާތަކުގައި ދެން އިދިކޮޅުފަރާތްތަކުގެ ގޮތުގައި ބައިވެރިވާނީ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން ނުވަތަ އެމްޔޫއޯ ކަމަށް އެ އިއްތުހާދުގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ. އެމްޑީޕީ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަހުލޫފު ވިދާޅުވީ، ސަރުކާރުން ބާއްވަން މަސައްކަތް ކުރަމުން އަންނަ އޯލްޕާޓީޓޯކްސްގައި ދެން ބައިވެރިވާނީ އެމްޔޫއޯ ކަމަށާއި އެ މަޝްވަރާތަކުގައި ތަފާތު ކަންކަމާ ގުޅޭ ގޮތުން ސަރުކާރާ މަޝްވަރާކުރާނެ ކަމަށެވެ. އެގޮތުން ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ނިންމާ ކެންޑިޑޭޓަކަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމާ ގުޅޭ ގޮތުން އިދިކޮޅު އިއްތިހާދުގެ ފަރާތުން ސަރުކާރާ މަޝްވަރާކުރާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ. އޭގެ އިތުރުން ޖުޑީޝަރީ އިސްލާހު ކުރުމަށާއި އިލެކްޝަން ކޮމިޝަން އިސްލާހުކޮށް މިނިވަން އިންތިހާބެއް ބާއްވަން ކުރާ މަސައްކަތްތަކާ ގުޅޭ މަޝްވަރާކުރާނެ ކަމަށް ވިދާޅުވި އެވެ. "އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރުން ބާއްވަން މަސައްކަތް ކުރާ ޕާޓީ ޓޯކްސްގައި ބައިވެރިވާ ނަމަ އެކަން ކުރާނީ އެމްޔޫއޯގެ ފަރާތުން. އަދި އަޅުގަނޑުމެން ބައިވެރިވެފައި މުޅި ރާއްޖެ އިން އެންމެ ބޮޑަށް އިސްލާހު ބޭނުންވެފައިވާ ކޯޓުތަކާއި އަދި އިލެކްޝަންސް ކޮމިޝަން މިނިވަން އިންސާފުވެރި ކޮމިޝަނަކަށް ހަދައި އަދި ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ބޭނުންވާ ކެންޑިޑޭޓުންނަށް އަންނަ އިންތިހާބެއްގައި ބައިވެރި ވުމުގެ ފުރުސަތު ހޯދުމަށް މަޝްވަރާކުރާނަން،" މަހުލޫފް ވިދާޅުވި އެވެ. އިދިކޮޅު އިއްތުހާދުން އެހެން ބުނެފައިވާ އިރު ދާދި ފަހުން ސަރުކާރުގެ އެދުމަކަށް ޕާޓީ ޓޯކްސް ކުރިޔަށް ގެންދިއުމަށް ލަފާދިނުމަށް އދ.ގެ ވަފުދެއް ވެސް ވަނީ ރާއްޖެއަށް އައިސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ