މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި ފަސްމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސްމީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
މި ފަސްމީހުން ހައްޔަރު ކޮށްފައިވަނީ 2 ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި ކަަމަށް ފުލުހުން ބުނެފައިވެއެެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ މަރަދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.
Advertisement
ޖޫން 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 22 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 45 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދެވަނަ އޮޕަރޭޝަނަކީ ރ. ރަސްގަތީމުގައި ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ  ހުޅުދުއްފާރު ޕޮލިސް ސްޓޭޝަނާއި އުމގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން  ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ ރަށުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖޫން 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ ދިވެހި ފިރިހެނެކާއި 30 އަހަރުގެ ދިވެހި ފިރިހެނަކާ އަދި 28 އަހަރުގެ ބިދޭސީ ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން، އެ މީހުން ތިބި ލޯންޗު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި  މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ދެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ