ތިން ރަށެއްގެ ބަނަދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތ. ގާދިއްފުއްޓާއި ކ. ހުރާ އަދި ސ. ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
ގާދިއްފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ހާބާ ބޭސިން ފުންކުރުމާއި ނެރު ފުންކުރުމާއި ބޭރުތޮށި ލުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 267 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުމާއި 22 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުމާއި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުން އެއްގަމުތޮށި ލުމާއި މޫރިން ބޯއީ ހަރުކުރުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި ކޮންކްރީޓް ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން ޕޭވްމަންޓް ހެދުމާއި ކާބް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 79.43 މިލިއަން ރުފިޔާއަށް 580 ދުވަހުން ނިންމާ ގޮތަށެވެ.
ފޭދޫގެ ބަނދަރާއި ހުރާ ބަނދަރުގެ މަސައްކަތް ހަވާލުކުރީ ކޮންމެ ޕްރޮޖެކްޓެއް 62.78 މިލިއަން ރުފިޔާއަށް 540 ދުވަހުން ނިންމާ ގޮތަށެވެ.
ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
* 75,398 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބާ ބޭސިން ފުންކުރުން
* 5،320 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
* 20 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
* 157 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
* 501 މީޓަރުގެ ވެލި ބަރުކޮށްފައިވާ ބޭރު ރިވެޓްމެންޓެއް ޖެހުން
* 86 މީޓަރުގެ ވެލި ބަރުކޮށްފައިވާ އެތެރޭ ރިވެޓްމެންޓެއް ޖެހުން
* 445 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން
* މޫރިން ބޯއީސް ހަރުކުރުން
* 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
* 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
* ބަނދަރު ބައްތި ހަރުކުރުން
* 2،040 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
* 413 މީޓަރުގެ ކާބް ހަރުކުރުން
ހުރާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް:
* 26,453 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން
* 40,111 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުން
* 5،445 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
* 86 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން
* 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
* 317 މީޓަރުގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުން
* 370 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
* މޫރިންގް ބޯއީސް ހަރުކުރުން
* 105 މީޓަރު ދިގު ހަތަރު މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން
* 20 މީޓަރު ދިގު ހަ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުން
* ބަނދަރު ބައްތި ހަރުކުރުން
* 1،795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
* 376 މީޓަރުގެ ކާބް ހަރުކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ