ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ސްޓެލްކޯއިން އެ ދާއިރާގެ މީހުންނަށް 80 އަށްވުރެ ގިނަ ވަޒީފާ ދީފިއެވެ.
ނިމުނު ހަފުތާ ބަންދުގައި ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ސްޓެލްކޯއިން 85 ވަޒީފާ އެ ދާއިރާގެ ތިން ރަށްކަމަށްވާ ގުރައިދޫއާއި ގުޅިއާއި މާފުށީގެ ރައްޔިތުންނަށް ހަމަޖައްސާފައިވެއެވެ.
ސްޓެލްކޯގެ އިސްވެރިޔަކު ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް ކިޔައިދިން ގޮތުގައި ދާއިރާގެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ އިތުރަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ގުރައިދޫ ދާއިރާގެ 3 ރަށުގެ ރައްޔިތުންނަށްވެސް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސާފައިވެއެވެ.
އެއިން ބައެއް ވަޒީފާއަކީ ދާއިމީ ވަޒީފާގެ ގޮތުގައި ހަމަޖައްސައިދިން ވަޒީފާތައް ކަމުގައިވާއިރު ވަރަށް ގިނަ އަދަދެއްގެ ވަޒީފާ ހަމަޖައްސާފައިވަނީ އިންޓާންޝިޕުގެ ގޮތުގައެވެ.
އިންޓާންޝިޕުގެ ގޮތުގައި ހަމަޖެއްސި ވަޒީފާތަކަކީވެސް މުސާރަ ލިބޭ އުސޫލުން ހަމަޖައްސާފައިވާ ވަޒީފާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ވަގުތީ ކޮންޓްރެކްޓު ހަދައި ފަހުން ދާއިމީކުރާނެކަމުގެ ޔަގީންކަމާއެކު ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ހަމަޖެއްސިކަމުގައިވެސް ސްޓެލްކޯގެ އިސްވެރިޔާ ފާހަގަކުރެއްވިއެވެ.
މި ވަޒީފާތައް މީހުންނަށް ހަމަޖައްސާފައިވަނީ އާންމުކޮށް އިއުލާނުކުރުމަކާ ނުލައިކަމަށްވެސް އޭނާ މައުލޫމާތު ދެއްވިއެވެ. މީގެ ކުރިންވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައިވެސް ސްޓެލްކޯއިންވަނީ ކ.އަތޮޅުގެ ރަށްތަކުން އެ ކުންފުންޏަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއަށް ނަގާފައެވެ.
ސްޓެލްކޯއިން މިފަދައިން ވަޒީފާތަކަށް މީހުން ނަގައިގެން އިންތިޚާބަށް ނުފޫޒު ފޯރުވަން ފެށީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓާ އަޙްމަދު ޝަރީފު ކުންފުންޏާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ކެމްޕެއިން ޓީމުތައް ދާއިރާގެ ރަށްތަކަށް ދަތުރުކުރުމަށް ބޭނުންކޮށްފައިވަނީވެސް ސްޓެލްކޯގެ ލޯންޗުތަކެވެ. އެގޮތުން ސްޓެލްކޯގެ ލޯންޗުތަކުގެ ތެރެއިން ހަނދޭގިރި ނަމަކަށްކިޔާ ލޯންޗާއި ހެނދޭގިރި ނަމަކަށްކިޔާ ލޯންޗު މުޅި އިންތިޚާބުގައިވެސް އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކަށް ޚާއްޞަކޮށްފައި އެ ދާއިރާގައި ބާއްވާފައި އޮތެވެ.
އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ސްޓެލްކޯގެ ވަސީލަތްތަކާ މުވައްޒަފުން ބޭނުންކުރާތީ އެކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް އިއްތިހާދުން ހުށަހެޅި ނަމަވެސް އެ ކޮމިޝަނުން އެ މައްސަލާގައި ފިޔަވަޅެއް ނާޅައެވެ.
އިންތިޚާބުތަކަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުންފުނިތައް ބޭނުންކުރަމުންދާއިރު އެ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭ ގޮތުން ކޮންމެ ކުއާޓާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން ޝާއިއުކުރަމުން އައި ރިޕޯޓުތައް ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާއަށްފަހު އެ މިނިސްޓްރީންވަނީ ހުއްޓާލާފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތު ގޯސްވެ ކުންފުނިތަކަށް އެހީތެރިވުމަށް ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް އިތުރުވުމުގެ ސަބަބުން ސަރުކާރުގެ މާލީ ހާލަތު ގޯސްވުމުގެ ހިރާސް ވަރަށް ބޮޑުކަމަށް ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ މާލީ އިދާރާތަކުން ބުނެއެވެ.
ގުރައިދޫ ދާއިރާގެ އިންތިޚާބަށް ސްޓެލްކޯއިން 80 އަށްވުރެ ގިނަ ވަޒީފާ ބަހައިލި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ