ޖޯންގެ ފިލްމު 'ދަ ޑިޕްލޮމެޓް' އަންނަ މަހު ނެޓްފްލިކްސްއަށް
މިދިޔަ މާޗް މަހު ސިނަމާތަކުގައި ރިލީޒްކުރި އެކްޓަރު ޖޯން އަބްރަހަމްގެ ފިލްމު "ދަ ޑިޕްލޮމެޓް" އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ނެޓްފްލިކްސްގައި ޕްރީމިއާ ކުރަން ނިންމައިފިއެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ދަ ޑިޕްލޮމެޓް" އަކީ ޓީ-ސީރީސްގެ ފިލްމެކެވެ. މި ފިލްމަކީ ބުޝަން ކުމާރު ޕްރޮޑިއުސްކޮށް ޝިވަމް ނަޔަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމު "ދަ ޑިޕްލޮމެޓް" އަންނަ މަހު ނެޓްފްލްކިސްއިން ޕްރީމިއާކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ދާދިފަހުން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ޖޯން ވަނީ ފިލްމު ޑިޖިޓަލް ޕްލެޓްފޯމަކަށް ދޫކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ބުނެފައެވެ. ފިލްމު "ދަ ޑިޕްލޮމެޓް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ އެގޮތުން ބައެއް އޯޓީޓީ ޕްލެޓްފޯމްތައް ހިންގާ މީހުންނަށް "ދަ ޑިޕްލޮމެޓް" އަކީ މާ ކަމުދިޔަ މައުޟޫއަކަށް ބިނާކޮށްފައިވާ ފިލްމަކަށް ނުވި ކަމަށާއި ވަރަށް ގިނަ ޕްލެޓްފޯމްތަކުން ފިލްމު ބޭރުކޮށްލި ކަމަށް ޖޯން ވަނީ ބުނެފައެވެ. ޖޯން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "ދަ ޑިޕްލޮމެޓް"ގައި ދައްކުވައިދެނީ ޕާކިސްތާނަށް ގެންގޮސް ނުރުހުމުގައި އެ ޤައުމުގެ މީހަކާ ކައިވެނި ކުރުވާ އިންޑިއާގެ އަންހެނަކު އެނބުރި އަމިއްލަ ޤައުމަށް ދިއުމަށް ބޭނުންވުމުން ކުރިމަތިވާ ބޮޑެތި ހުރަސްތަކެވެ. މި އަންހެން މީހާ އެނބުރި އިންޑިއާއަށް ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑިޕްލޮމެޓްގެ ރޯލް ޖޯން ކުޅެފައިވާއިރު ހަގީގީ ހާދިސާގައި އެ ދައުރު އަދާކުރީ އިންޑިއާގެ ޑިޕްލޮމެޓް ޖޭޕީ ސިންގްއެވެ. އެންމެ 20 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަކަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ 53 ކްރޯޑު ރުޕީސްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ