ކުރިއަށް އޮތް ދެ އަހަރުގެ ގައުމީ ދުވަސް އުތީމުގައި ފާހަގަ ކުރަނީ

މި އަހަރާ އަންނަ އަހަރު، ރަސްމީ ގޮތުން ގައުމީ ދުވަސް ފާހަގަ ކުރާނެ ރަށަކަށް ހއ. އުތީމު ހަމަޖައްސަވާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.އުތުރުގެ ހއ ގެ 10 ރަށަކަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު އުތީމަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ މި ރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހާއްސަ އިހުސާސުތަކެއް ކުރެއްވޭ ކަމަށެވެ. އެއީ ގައުމީ އިހުސާސުތަކެއް ކަމަށް ވިދާޅުވި އެެވެ.އުތީމަކީ ގައުމީ ބަތަލު -- މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ގެ އުފަން ރަށެވެ. އެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އުތީމުގެ ފަސްގަނޑުގައި ވަގުތުކޮޅެއް ހޭދަ ކޮށްލެއްވުމަކީ އަބަދުވެސް ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.ރައީސް ވިދާޅުވީ އެ މަނިކުފާނު ވިސްނުމަކީ، މީގެ ކުރިން ގައުމީ ދުވަސް ފާހަގަކުރާ ގޮތަށް އާދައިގެ ގޮތަކަށް އެ ކަން ކުރުމުގެ ބަދަލުގައި ގައުމީ ފެންވަރުގައި މަޝްރޫއެއްގެ ގޮތުގައި އެ ދުވަސް ފާހަގަ ކުރުން ކަމަށެވެ."...އެ ގޮތުން ކުރެވޭ ކަންކަމުގައި، މިހާތަނަށް ސަރުކާރުން ނުދޭ ސަމާލުކަމެއް ދީގެން، އެއީ ބަޖެޓުގެ ގޮތުން ކަމަށް ވިޔަސް، ޖެހިޖެހިގެން ދެ އަހަރު، މި އަހަރާއި މި އަންނަ އަހަރު ގައުމީ ފެންވަރެއްގައި ގައުމީ ދުވަސް މި ރަށުގައި ފާހަގަ ކުރުން،" ރައީސް ވިދާޅުވިއެވެ.އެ މަނިކުފާނުގެ ސިޔާސަތަކީ ގައުމިއްޔަތު އާލާކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. އެ ކަން ހާސިލް ކުރުމަށް ޓަކައި އުތީމަކީ ވަރަށް ޚާއްސަ ރަށެއްކަމަށާއި ނަމަވެސް މިދިޔަ ސަރުކާރުތަކުން އެގޮތަށް ދެކިފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ."އަޅުގަނޑުމެންގެ މި ސަރުކާރުގެ ތަރައްގީގެ ދުވެލީގައި ވަރަށް މުހިންމު ދައުރެއް ހަމަ ޔަގީނުން ވެސް ވަރަށް ފުރިހަމަ ގޮތެއްގައި އަދާކުރާނެ ރަށެއްކަން އަޅުގަނޑު ވަރަށް ސާފުކޮށް ތި ބޭފުޅުން ގާތު ދަންނަވަން," ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ