އެމްޓީސީސީގެ ޕްރޮޖެކްޓުތަކަށް ގިނަ އަދަދެއްގެ ދިވެހި މަސައްކަތްތެރިން ހޯދަނީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޕްރޮޖެކްޓުތަކަށް ގިނަ އަދަދެއްގެ ދިވެހި މަަސައްކަތްތެރިން ހޯދަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ. އެކުންފުނިން ހޯދަނީ ދިވެހި ޓެކްނިކަލް އެސިސްޓެންޓުންނާއި ވަޑާންކުރާ މީހުން އަދި ރާނާމީހުންނެވެ. މިއިން ކޮންމެ މަގާމަކަށް 20 ދިވެހީން ހޯދާއިރު، ތިން މަގާމަށް ހޯދަނީ ޖުމުލަ 60 ދިވެހި މުވައްޒަފުންނެވެ. އަސާސީ ތައުލީމު ފުރިހަމަކޮށްފައިވާ ނަމަ ޓެކްނިކަލް އެސިސްޓެންޓު ކަމުގެ މަގާމަށް ކުރިމަތިލެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެ މަގާމަށް ހޮވޭ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 10،000ރ. ލިބޭއިރު، ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ލިބެއެވެ. ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމް ލިބޭއިރު، ކެއުމާއި ހުރުމުގެ އިންތިޒާމު ހަމަޖައްސާދެނީ އެމްޓީސީސީންނެވެ. ވަޑާންކުރުން އަދި ރާނާ މީހުންގެ މަގާމަށް ކުރިމަތި ލެވޭނީ ދެ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ. މި ވަޒީފާތަކުން މުސާރައިގެ ގޮތުގައި 11،400ރ. ލިބޭނެއެވެ. އެ މުވައްޒަފުންނަށް ވެސް އިތުރު ގަޑީގައި ކުރާ މަސައްކަތެއްގެ ފައިސާ ލިބޭއިރު، ސްޓާފް މެޑިކަލް އިންޝުއަރެންސާއި ޕެންޝަން ސްކީމް ލިބެއެވެ. މި މަގާމުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ 23:59 ކުރިއެވެ. އެޕްލިކޭޝަން ހުށަހެޅެނީ އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ