ބާލިން (ޖޫން 20) - ކުރިއަށް އޮތް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ވިމްބަލްޑަންގެ ކުރިން، ދުނިޔޭގެ ރޭންކިން އެއް ވަނަ، އިޓަލީގެ ޖަނިކް ސިނާ އަށް، ޖަރުމަނުގައި ކުރިއަށްދާ ހޭލް އޯޕަންގެ ދެ ވަނަ ބުރުގައި ހިތްދަތި ބައްޔަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ދާދި ފަހުން، ފްރެންްޗް އޯޕަން ފައިނަލުގައި ބަލިވި ސިނާ އަށް ހޭލް އޯޕަންގެ ދެ ވަނަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ، ކަޒަކްސްތާނުގެ އަލެކްސަންޑަ ބުބްލިކް އަތުން ބަލިވުމުންނެވެ.
ދުނިޔޭގެ ރޭންކިންގެ 45 ވަނައިގައި އޮތް ބުބްލިކް އަތުން ސިނާ ބަލިވިއިރު، ސެޓުތައް ދިޔައީ، 3-6 6-3 6-4 އިންނެވެ. ފުރަތަމަ ސެޓު، ސިނާ އަށް ލިބުނު ކަމުގައި ވިޔަސް، ދެން ކުޅުނު ސެޓުތަކުން ކުރިހޯދައި، ބުބްލިކް ކެރިއަރުގައި ބޮޑު މޮޅެއް ހާސިލްކުރީ އެވެ.
މިއީ، 2023 ވަނަ އަހަރުގެ އޮގަސްޓްގެ ފަހުން، ދުނިޔޭގެ ރޭންކިންގެ ގަދަ 20 އިން ބޭރުގެ ކުޅުންތެރިއަކު އަތުން ސިނާ ބަލިވި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން، ރޭންކިންގެ އެ އަށް ވުރެ ދަށް ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު 66 މެޗުން ސިނާ މޮޅުވި އެވެ. އަނެއްކޮޅުން، މިއީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަހުން، ކާލޯސް އަލްކަރާޒް ނޫން ކުޅުންތެރިއަކު އަތުން ސިނާ ބަލިވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
އެހެންކަމުން، މި ނަތީޖާއާ އެކު، މި މަހު 30 ވަނަ ދުވަހު ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުރިން، ސިނާ އަށް މި ވަނީ، ރަނގަޅަށް މަސައްކަތް ކުރަން ޖެހިފަ އެވެ.
އެންމެ ފަހުން، ރޭންކިންގެ ދަށް ކުޅުންތެރިއަކު އަތުން ސިނާ ބަލިވީ، 2023 ގެ އޮގަސްޓް މަހު، އޭރު ދުނިޔޭގެ ރޭންކިންގެ 66 ވަނައިގައި އޮތް، ޑޫސާން ލާޖޯވިޗް އަތުންނެވެ.
ވިމްބަލްޑަންގެ ކުރިން ސިނާ އަށް ހިތްދަތި ބައްޔެއް ވިމްބަލްޑަންގެ ކުރިން ސިނާ އަށް ހިތްދަތި ބައްޔެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ