ޝަމްއާން ބަންދުކުރި މައްސަލަ ހައިކޯޓުން ބަލައެއް ނުގަތް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ހައިކޯޓުން ބަލައިނުގަންނަން ނިންމައިފި އެވެ.
ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރު ކުރީގެ މި މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ޝަމްއާންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވެ އެވެ.
ޝަމްއާންގެ ފަރާތުން އެ މައްސަލަ ބުދަ ދުވަހު ވަަނީ ހައިކޯޓަށް ހުށައަޅާފަ އެވެ. ޝަމްއާންގެ މައްޗަށް ހިންގާ ތަހުގީގުގައި އޭސީސީގެ ދައުރެއް ނެތުމާއި އެ މައްސަލަ ފުލުހުންގެ މުއައްސަސާއިން އެކަނި ތަހުގީގު ކުރުމަކީ ޖިނާއީ އިޖުރާތާ ހިލާފު ކަމެއްކަން ފާހަގަކޮށް އެ މައްސަލަ ބަލައި ބަންދުގެ މުއްދަތު ރިވިއު ކޮށްދޭން ވަނީ އެދިފަ އެވެ.
Advertisement
ނަމަވެސް ދަށު ކޯޓްގެ ނިންމުމަށް ބަދަލު ގެނެސް ހައިކޯޓުން އެ މައްސަލާގައި އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ނިންމާ ހައިކޯޓްގެ ރަޖިސްޓްރާ ވަނީ މައްސަލަ ރަޖިސްޓްރީ ނުކުރަން ނިންމާފަ އެވެ.
ޝަމްއާން ހައްޔަރު ކޮށްފައި މިވަނީ އޭނާ ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށާ ބިދޭސީންގެ އަތުން އިމިގްރޭޝަންގެ ބައެއް މުވައްޒިފުން ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.
އިމިގްރޭޝަންގެ ބައެއްގެ މުވައްޒިފުން ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާ އެކަމާ ގުޅޭ އޮޕަރޭޝަނެއް އެރޭ ހިންގި ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގެ މައުލޫމާތު ހިމަނާ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރީން އުޅޭ ގެއެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ފައިސާއާއެކު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަަށެވެ.
ބިދޭސީންގެ އަތުން 530،000 ރުފިޔާ އިމިގްރޭޝަންގެ އޮފިސަރުން ހޯދި ކަމަށާ އަދި އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބިދޭސީން އުޅުނު މިގެ ބަލާ ފާސްކުރީ ބިދޭސީން ހޯދާ ޑިޓެއިން ކުރުމުގެ ޒިންމާ އޮތް ޓާސްކު ފޯސް އަދި ރިސްކު މެނޭޖްމަންޓް ސެކްޝަންގެ މުވައްޒިފުން ނޫން ކަމަށް ވެސް ބުންޏެވެ. ފުލުހުން ބުނީ ދޫކޮށްލި ބިދޭސީ މީހާއާ އިމިގްރޭޝަންގެ އޮފިސަރުން މަގުމަތީން ބައްދަލުކޮށް އެ މީހާ އަތުގައި ހުރި ފައިސާތައް ހިފައިން ރޭގެ ވަގުތެއްގައި ޝަމްއާން ދިރިއުޅޭ އިމާރާތަށް ވަދެފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ