ސޮރީގެ ޕްރީ ލޯންޗަށް ބޮޑު އިވެންޓެއް
އަންނަ ހަފުތާގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ސޮރީ" އާ ގުޅުވައިގެން ޚާއްސަ ހަރަކާތްތަކާއި ސްކްރީނިންއާ އެކު ޕްރީ ރިލީޒް އިވެންޓެއް ބާއްވަން ނިންމައިފިއެވެ. ފާތިމަތު ނަހުލާގެ އަސަރުގަދަ ޑްރާމާ ފިލްމު ސޮރީ އަންނަ ހަފުތާ އަންގާރަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ ޕްރިމިއާއަށް ޕްރޮޑަކްޝަނުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރެއިން އެއް މަސައްކަތަކީ ޕްރީ ރިލީޒް އިވެންޓެވެ. ފިލްމުގެ ޕްރޮޑަކްޝަނުން ހާމަކޮށްފައިވާ ގޮތުގައި އަންނަ ހުކުރު ދުވަހު އޮލިމްޕަހުގައި ސޮރީއަށް ޚާއްސަ ޕްރީ ލޯންޗު އިވެންޓެއް ކުރިއަށް ގެންދާނެއެވެ. މި އިވެންޓުގައި ސޮރީގެ ބިހައިންޑް ދަ ސީންސް ސީރީޒް ރަސްމީކޮށް ލޯންޗު ކުރާނެއެވެ. އަދި، އެއާއެކު ފިލްމުގެ އެންމެ ފަހު ތީމް ލަވަ ވެސް ލޯންޗު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހުކުރު ދުވަހުގެ ރޭ 2100ގައި ފެށުމަށް ހަމަޖެހިފައިވާ އިވެންޓުގައި ނަހުލާގެ ހިޓު ބިރުވެރި ފިލްމު "4426"ގެ ހާއްސަ ސްކްރީނިން އެއް ވެސް އޮންނާނެ ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ. މި ފިލްމުގެ ކާސްޓުން ވެސް، ސޮރީގެ ބައެއް އެކްޓަރުން ފެންނާނެއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ސޮރީގެ ލީޑުން ފެންނާނީ މަރިޔަމް އައްޒައާއި ޔުސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ދޮށީ ދަރިފުޅު މަރިޔަމް އީނާޝް ސިނާންގެ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ. ސޮރީއަކީ ނަހުލާ ފިލްމު ޕްރޮޑިއުސް ކުރުމުން ބޮޑު ބްރޭކެއް ނެގުމަށް ފަހު އާ ފިލްމެއް އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފަހަރެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ